ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުންނާއި، ޖަލުތަކަށް ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، މާފުށީ ޖަލުގައި ރެންޑޮމް ސާމްޕަލްތަކެއް ނަގައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިއަދު ބުނީ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި(އެން.އީ.އޯ.ސީ) ގުޅިގެން، ކޮރޯނާ ވައިރަހަށް ތަޙުލީލުކުރުމަށްޓަކައި ރެންޑޮމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.
ސާމްޕަލް ނެގުމުގައި، ބަލާފައިވާނީ، ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނާއި ބަންދު މީހުންނަށް ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

މި ގޮތުން، އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ވެސް، ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ސާމްޕަލްތައް ވެސް ނަގައިފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނާއި އެންއީއޯސީ ގުޅިގެން ހިންގި މި ހަރަކާތުގައި ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.


މީގެ އިތުރުން، 23 އޮފިސަރެއްގެ ސާމްޕަލް ވެސް ނަގާފައިވާނެކަމަށް ކަރެކްޝަނުން ބުނެއެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެގޮތުން ކަރެކްޝަނުން މީގެކުރިން ވެސް ޕޮރޮގްރާމުތަކެއް ހިންގާފައިވެއެވެ.
މި ގޮތުން، ކަރެކްޝަނާއި އެޗްޕީއޭ ގުޅިގެން، ކޮރޯނާ ވައިރަހުން ރައްކާތެތިވުމާބެހޭ ގޮތުން ތަމްރީނު ޕްރޮގުރާމެއް މާފުށީ ޖަލުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އެ ޕޮރޮގްރާމުގައި، ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި، އެއްވެސް މީހެއްގެ ގައިން ވައިރަހަށް ޝައްކުކުރެވޭފަދަ އަލާމަތްތައް ފެނިއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް ޕްރޮގުރާމުގެ ބައިވެރިންނަށް އަންގައިދީފައިވެއެވެ.
އަދި އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި، އަޅަންޖެހޭ ފިޔަވަޅުތައް ވެސް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) އަޅަންޖެހޭ ގޮތާއި، ސާމްޕަލް ކަލެކްޓްކުރާނެ ގޮތްވެސް، ބައިވެރިންނަށް އަންގައިދީފައިވެއެވެ.

