ރާއްޖޭގައި ކޮވިޑް ބަލި ޖެހިގެން، މިރޭ ރިޕޯޓު ކުރި 10 ކޭސްގެ ތެރޭގައި 7 މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޑޭޝްބޯޑުގައި އާއްމުކޮށްފައިވާ މައުލޫމާތުތަކުން ދައްކައިފިއެވެ.
ޑޭޝްބޯޑުގައި ވާ ގޮތުން އެއީ ހަތް މަހުގެ ފިރިހެން ކުއްޖެކެވެ. ނަމަވެސް، އެ ކުއްޖާއެއީ ކޮން ކްލަސްޓާއެއް ކަމެއް އަދި ނޭނގެއެވެ. މީގެ އިތުރުން ކޭސްތަކުގެ ތެރޭފައި ދެ ކުޑަކުދިން ހިމެނެއެވެ. އެއީ ދެ އަހަރާއި ހަތް އަހަރުގެ ދެ އަންހެން ކުދިންނެވެ.
ޑޭޝްބޯޑުން ދައްކާގޮތުން ބައްޔަށް ޕޮޒިޓިވް ވި ތުއްތު ކުއްޖާގެ ހާލު ސްޓޭބަލްއެވެ.
ބުރާސްފަތި ދުވަހުގެ ރޭގަނޑު، 1 އަހަރު ނުވާ ތުއްތު ކުއްޖެއްގެ ސާމްޕަލް ނެގުމަށް ދެކޮޅު ހެދި ކުއްޖާގެ މައިންބަފައިންގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރުނެވެ. އަދި އެ މައުލޫމާތު މީޑިއާތަކާއި ވެސް ވަނީ ހިއްސާކޮށްފައެވެ. އަމުރުގައި ވަނީ ކުއްޖާގެ މައިންބަފައިން އެ ކުއްޖާގެ ސާމްޕަލް ނެގުމަށް އެއްބާރުލުންދީ، އެކަމަށް ހުރަސް ނޭޅުމަށެވެ. ނަމަވެސް، މިއަދު ޕޮޒިޓިް ވީ އެ ކުއްޖާކަމެއް އަދި ސާފެއް ނުވެއެވެ.
ރާއްޖޭގައި މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލައަކީ 96 އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 73 މީހަކާއި، 18 ދިވެހިން އަދި އިންޑިއާގެ ތިން މީހުންގެ އިތުރުން ނޭޕާލާއި ސްރީލަންކާގެ އެކަކެވެ. މިއަދު ފެނުނު މި ކޭސްތަކާއި އެކު ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 744 އަށް އަރައެވެ.
މިއަދު އެންމެ ފުރަތަމަ ޕޮޒިޓިވް ވި ކޭސްތަކުގެ ތެރޭގައި ގިނައީ18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނެވެ. މި ކޭސްތަކުގެ ތެރޭގައި 64 އަހަރުގެ އުމުރުން ދުވަސްވީ ފަރާތެއް ހިމެނެއެވެ.

