އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81) ގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު ނިއުޔޯކަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. އެ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވަވާނެއެވެ.
އޭގެ އިތުރުން، ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކުގައި އާއި ، ގިނަ ޤައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި އެ ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ޙަފްލާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވާ ހޮނިހިރު ދުވަހުއެވެ.

