މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް މަޑުޖެހި، ކުރިއެރުން 12.3 އިންސައްތައަށް ދަށްވެފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ދެވަނަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން (ޖީޑީޕީ) ހުރީ 25 ބިލިއަން ރުފިޔާގައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު މިއީ 1.3 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުން މައިގަނޑު ގޮތެއްގައި ހިފަހައްޓައިދިނީ މާލީ ދާއިރާއާއި އިމާރާތްކުރުމުގެ ސިނާއަތަށް ލިބުނު ކުރިއެރުމުގެ ސަބަބުންނެވެ.
އިގްތިސާދީ ދުވެލި ދަށްވެގެން ދިޔަ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމަށް އައި ހީނަރުކަމެވެ. އެގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރުމުގެ ސަބަބުން، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ދާއިރާ ވަނީ 34 އިންސައްތަ ދަށަށް ގޮސްފައެވެ.

