ދިވެހި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 67 އަހަރުގައި އެމަނިކުފާނު އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ތިމާވެށީގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވާފައިވާ ޑރ. މުހައްމަދު އަލީ ވަނީ ދިވެހި ސަރުކާރުގެ އެކި ވުޒާރާތަކުގައި ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކުރީގެ ޕްލޭނިންގ މިނިސްޓްރީއާއި ހޯމް މިނިސްޓްރީގެ ދަށުން ތިމާވެށްޓާ ބެހޭ ކަންކަން ބެލެހެއްޓި ދުވަސްވަރު، އެ ދާއިރާ ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަގާމު ފުރުއްވިއެވެ.
މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑރ. މުހައްމަދު އަލީ ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

