ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުއްލިއަކަށް، އެއްވެސް އުސޫލެއް ނެތި ނިންމަމުންދާ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި މުޅި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ސަރުކާރުގެ ނިންމުންތަކަކީ ހަމައެކަނި ގާބިލުކަން ނެތުމުން ވާ ކަންކަމުގެ ގޮތުގައި މިހާރު ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ސިލްސިލާކޮށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ރޭވުންތެރިކަމާއެކު ހަލާކުކޮށްލަމުންދާކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ބޭރު ފައިސާ މާރުކުރުމަށް މަޖުބޫރުކުރުމާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު، އަދި ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ފުށުއަރާ ނިންމުންތަކެއްކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިފަދަ ސިޔާސަތުތަކުގެ ސަބަބުން ދައުލަތަށް އިތުރު އާމްދަނީއެއް ނުލިބޭނެކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، އެއްވެސް އުސޫލެއް ނެތި ގެންނަ މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން އިންވެސްޓްމަންޓްތަކަށް އޮތް ޝައުގުވެރިކަން ގެއްލިގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން މަންޒިލްތަކުގެ ވާދަވެރިކަން ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި، ރާއްޖެއަކީ ފައިދާނުވާ މަންޒިލެއްގެ ގޮތުގައި ފެންނަނަމަ، އޮޕަރޭޓަރުން ރާއްޖެ އިޝްތިހާރުކުރުން ހުއްޓާލާނެ ހާލަތެއް އައުން ގާތްކަމަށް ފައްޔަޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލީ ރައީސް މުއިއްޒުގެ އެންމެ އިޝާރާތަކުންނެވެ. އަދި ވިދާޅުވީ، ރާއްޖެއަށް އާމްދަނީ ހޯދައިދޭ މައިގަނޑު ވަސީލަތް ހަލާކުކޮށްލުމުގެ ނޭދެވޭ އަސަރު ހަމައެކަނި ޓޫރިޒަމް ދާއިރާއަށް ހުއްޓި ނުހުންނާނެ ކަމަށެވެ. މީގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓުމަކަށް އައިސް، އެތައް ދިވެހި މަސައްކަތްތެރިންގެ ވަޒީފާ ގެއްލި، ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ބުންގުރޫޓުވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ދުރު މުސްތަގުބަލަށް ބެލުމެއްނެތި އަވަސް އަރުވާލައިގެން ސިޔާސަތުތައް ތަންފީޒުކުރުން ސަރުކާރުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމަށެވެ. ފައްޔާޒް ވިދާޅުވީ، މިއަދު ރައްޔިތުން މި ސަރުކާރުން ވެރިކަން ހިންގާ ގޮތާއި މެދު ފުންކޮށް ވިސްނަންޖެހިފައިވާކަމަށާއި، މުޅި ގައުމު ހަލާކުކޮށްލުމުގެ ބާރު އެންމެ މީހެއްގެ އަތްމައްޗަށް ދޫކޮށްލެވިފައި އޮވެގެން ނުވާނެ ކަމަށެވެ.

