ރާއްޖޭގެ ރިޒާވުގައި ބޭރު ފައިސާ ނެތް ކަމަށާއި ނަމަވެސް، ގަވައިދުން ދައްކަންޖެހޭ ދަރަނީގެ ތެރެއިން އިތުރު 50 މިލިއަން ޑޮލަރު ވަރަށް އަވަހަށް ދައްކަންޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރިޒާވްގައި މިހާރު އެއްވެސް ބޭރު ފައިސާއެއް ނެތް ކަމަށެވެ. ނަމަވެސް، ރާއްޖެއިން ގަވައިދުން ދައްކަންޖެހޭ ފައިސާގެ ތެރެއިން އަދިވެސް އިތުރު 50 މިލިއަން ޑޮލަރު ދައްކަންޖެހޭއިރު، ދަރަނި ދެއްކުމަށް ބީއެމްއެލްގައި ހުރި ކަސްޓަމަރުންގެ ފައިސާ ސަރުކާރުން ބޭނުންކުރާކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ސަބަބުން ބޭންކުގައި ހުރި އާންމުންގެ ފައިސާ ވިޓުޑްރޯ ނުކުރެވޭ ކަމަށެވެ.
އަންނަ ހަފްތާގައި އަލުން ކަސްޓަމަރުންގެ ވިތުޑްރޯވަލްތަކަށް އަމަލުކުރުމަށް ބޭންކުން ނިންމާފައިވާއިރު، އެގޮތަށް ނިންމާފައިވަނީ ވެސް ރިސޯޓުތަކުގެ 40 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރަށް 160 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ދެކިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ ފައިނޭންޝަލް ސްޓްރެޓަޖީއެއް ނޫން ކަމަށާއި އެއީ ހަގީގަތަކަށް ނުވާނެ ކަމަކަށް ކުރާ އުއްމީދެއް ކަމަށް ވިދާޅުވިއެވެ.
ދަރަނި ދެއްކުމަށް ބޭންކުގައި ހުރި އާންމުންގެ ފައިސާ ބޭނުންކުރާކަމަށް ކުރާ ތުހުމަތު ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ. އަދި ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، ދަތިތަކާ ކުރިމަތިލާން ޖެހިފައިވާނަމަވެސް، ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް އަންނާނެކަމަށް ބީއެމްއެލްއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ. އަދި ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ދާދި ފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައިވާނެ ކަމަށް ބުނެފައިވެއެވެ.

