ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ކަނޑާލަން ގޮވާލި ޕެޓިޝަނަށް 7،000 އެއްހާ ސޮއި!

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދީފައިވާ އަގުބޮޑު މެޑިކަލް އިންޝުއަރެންސް ޕެކޭޖު އުވާލުމަށް އެދި ހުށަހެޅި ޕެޓިޝަނަށް ބަހުސް ކުރުން ލާޒިމުވާ އަދަދަށް ސޮއި ހަމަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް މި އީ-ޕެޓިޝަން ހުށަހެޅީ އާންމުންގެ ޖަމިއްޔާގެ ފައުންޑަރ މިދުއަމް ސައުދެވެ. މި ޕެޓިޝަނަށް މިހާތަނަށް 6،997 އަށްވުރެ ގިނަ މީހުން ވަނީ ތާއީދުކޮށް ސޮއިކޮށްފައެވެ. މަޖިލީހުގެ އީ ޕެޓިޝަން ގަވާއިދު ބުނާ ގޮތުން މަދުވެގެން 2،100 ސޮއި ހަމަވާ ޕެޓިޝަންތަކަށް ތަޅުމުގައި މެންބަރުނަށް ބަހުސްކުރުމަށް ހުޅުވާލަން ޖެހޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން، މަޖިލިސް މެންބަރުންނާއި އަނބިމީހާ/ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނަށް ރާއްޖޭގެ އިތުރުން ސާކް އަދި އާސިއާން ސަރަހައްދުގެ 19 ގައުމަކުން އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ އިންޝުއަރެންސް ސްކީމެއް ވަނީ ކަނޑައެޅިފަ އެވެ. މީގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތައް ހިމެނެއެވެ. މީގެއިތުރުން، މެންބަރުކަން ކުރައްވާފައިވާނަމަ ވެސް އުމުރު ދުވަހަށް މި އިނާޔަތް ލިބިދޭންޖެހޭ ގޮތަށް ގާނޫނުގައި ވަނީ ހިމަނާފައެވެ.

މަޖިލީހަށް މިފަދަ ޕެޓިޝަނެއް ހުށަހަޅާފައި ވަނީ މެމްބަރުންނަށް ލިބިގެންވާ އިމްތިޔާޒްތަކާއި، ސަރުކާރުގެ ހަރަދު ބޮޑު ސިޔާސުތަކާއި ދެކޮޅުވުމަށެވެ.

މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ 2015 އިން 2025 އާ ދެމެދު މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް އެކަނިވެސް ދައުލަތުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. އަދި ދައުރު ނިމޭ ކޮންމެ މެންބަރަކަށް އުމުރުދުވަހަށް މި އިނާޔަތް ދޭންޖެހުމަކީ ދައުލަތުގެ ބަޖެޓަށް އަހަރަކަށްވުރެ އަހަރެއް ބުރަބޮޑުވާނެކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.

މީގެ އިތުރުން، ޕެޓިޝަނުގައި ފާހަގަކޮށްފައި ވަނީ ސިއްހީ ވުޒާރާއާއި ނިޒާމު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް މެންބަރުންނަށް ހާއްސަ ޕްރިމިއަމް އިންޝުއަރެންސް ލިބޭނަމަ، އާންމު ރައްޔިތުން ތަހައްމަލުކުރާ ސިއްހީ ދަތިތައް އެ ބޭފުޅުންނަށް އިހުސާސް ނުކުރެއްވޭނެ ކަމަށެވެ. އޭގެ ސަބަބުން ގައުމުގެ އާންމު ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށް މެންބަރުން ބާރުއެޅުމުގެ ޝައުގުވެރިކަން ކުޑަވާކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި އިގްތިސާދުތަކުގައި ވެސް ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދިނުމުގެ އުސޫލެއް ނޯންނަކަން ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޕެޓިޝަނުގައި ގޮވާލާފައިވަނީ ވަކި މަގާމެއްގައި ހުރުމުން ދައުލަތުގެ ފައިސާއިން ހާއްސަ އިނާޔަތްތަކެއް ދިނުމުގެ ބަދަލުގައި، ހުރިހާ ރައްޔިތުންނަށް ވެސް އެއް ހަމައަކުން އަސާސީ ސިއްހީ އިންޝުއަރެންސް ފޯރުކޮށްދިނުމަށެވެ.

މި ޕެޓިޝަނުގެ އިތުރުން، އިންތިހާބު ކުރާ މަޖިލިސް މެންބަރުން މަގާމުން ވަކިކުރުމުގެ ބާރު ސީދާ އެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބިދިނުމަށް އެދި މުހައްމަދު ޖަލާލު ނަސީމް ވެސް ވަނީ މަޖިލީހަށް އީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި ވަނީ، ދިމަކްރާތީ ނިޒާމެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުން ތަމްސީލުކުރާނެ މަންދޫބަކު އިންތިހާބުކުރުމުގެ ބާރު ކަމަށާއި، 2024 ވަނަ އަހަރު ތަސްދީގުކުރި އެންޓި-ޑިފެކްޝަން ގާނޫނުގައި ރަނގަޅު ކަންތައްތަކެއް ހުރި ނަމަވެސް، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޖިލީހަށް މެންބަރަކު އިންތިހާބުވާއިރު އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ރައްޔިތުންނެއްގެ ވޯޓު ލިބޭތީ، މެންބަރު ތަމްސީލު ކުރަނީ ވަކި ޕާޓީއެއްގެ ބަދަލުގައި މުޅި ދާއިރާއެވެ. އެހެންކަމުން މެންބަރަކު ގޮނޑިން ދުރުކުރުމުގެ އެންމެ އިސް ބާރު އޮންނަންވާނީ އެ މީހަކު ހޮވި ރައްޔިތުންގެ އަތުގައިކަމަށް ޕެޓިޝަނުގައި ވަނީ ބުނެފައެވެ.

އެގޮތުން ދާއިރާގެ ވަކި އިންސައްތައެއްގެ ރައްޔިތުން އެދިއްޖެނަމަ ރިކޯލް ވޯޓެއް ނެގޭނެ ނިޒާމެއް ގާނޫނުގައި ހިމެނުމަށާއި، ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި އެ ވޯޓުގެ ތެރޭގައި ވަކިކުރުމާ އެކު އައު މެންބަރަކު ހޮވުމުގެ ފުރުސަތު ދިނުމަށް ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: