ޤާނޫނާ ހިލާފަށް ހައްޔަރުކޮށް، ލިބިދޭންޖެހޭ އަސާސީ ހައްގުތަކުން މަހްރޫމްކޮށް ޑީޕޯޓްކޮށް ފިޔަވަޅު އެޅިކަމަށް ބުނެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް އުވާލުމުން އެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
މިއީ ތައިލެންޑަށް ނިސްބަތްވާ ކަނަކްޕޮން ތަވޮންގްނާގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ހުށަހެޅި މައްސަލައެކެވެ.
މައްސަލަ ކޯޓަށް ހުށަހަޅަމުން ކަނަކްޕޮން ތަވޮންގްނާ ބުނެފައި ވަނީ، ސެލޫން އެންޑް ސްޕާއެއް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، ރައްޓެހިންނާއެކު އޭނާ 2025 ޑިސެންބަރު 11 ވަނަ ދުވަހު ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށް، ކޯޓު އަމުރެއް ނެތި އިމިގްރޭޝަނުން ވަދެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރީ ކަމަށެވެ. އަދި އޭނާ އެއްވެސް ކުށެއް ނުކުރަނީސް، އަދި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލުވެފައި ނުވަނީސް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން އޭނާ ބަންދުކޮށް ގައުމަށް ފޮނުވާލަން އިމިގްރޭޝަނުން އެޅި ފިޔަވަޅަކީ ގާނޫނާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށެވެ.
މީގެއިތުރުން، އޭނާއަށް އިނގިރޭސި ބަހުން ލިޔަންކިޔަން ނޭނގޭއިރު، ސްޕޮންސަރުގެ ޣައިރު ހާޒިރުގައި އަދި ތަރުޖަމާނަކާ ނުލައި ބަޔާނުގައި ސޮއިކުރުވާފައި ވަނީ ގާނޫނާ ހިލާފަށް، ލިބިދޭންޖެހޭ އަސާސީ ހައްގުތައް ނުދީކަމަށް އޭނާ ކޯޓަށް ހުށަހެޅި މައްސަލައިގައި ވެއެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ބިދޭސީ މީހާ އެެދިފައި ވަނީ، އޭނާއަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމްކުރިކަމަށް ނިންމައިދިނުމަށެވެ.
މި މައްސަލައިގެ ބަޔާން ބަދަލުކުރުމުގެ މަރުހަލާ ނިމިފައިވަނިކޮށް، މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން 12 އޮގަސްޓު 2026 ގައި ކަނަކްޕޮން ތަވޮންގްނާގެ ފަރާތުން ވަނީ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައެވެ. ދައުވާ އަނބުރާ ގެންދަން އެދުނު ސަބަބެއްކަމަށް އޭނާ ބުނެފައިވަނީ، އޭނާއާ ދެކޮޅަށް އިމިގްރޭޝަނުން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، އޭނާއަށް ގެއްލިފައިވާ މިނިވަންކަން އަލުން ލިބިދީފައިވާތީ މިވަގުތު މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާތީ ކަމަށެވެ.
މައްސަލަ އަނބުރާ ގެންދިއުމަށް އެދިފައިވާތީ ދައުލަތުން ބުނީ، އެއް މައުޟޫއެއްގެ އެހެން ދައުވާއެއް އަލުން ހުށަނާޅާ ގޮތަށް އެއްބަސްވާނަމަ ދައުވާ އަނބުރާ ގެންދިއުމާމެދު އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ކަނޑައެޅީ ދައުލަތުގެ މި ޝަރުތަކީ މަދަނީ އިޖުރާއަތުގެ ގަވާއިދުގައި އޮންނަ އުސޫލުތަކާ ހިލާފު ހުށަހެޅުމެއްކަމަށާއި، އެހެންކަމުން ދައުވާ އަނބުރާ ގެންދިއުމާމެދު ދައުލަތުގެ އިއުތިރާޒެއް ނެތްކަމަށް ބަލަންޖެހޭ ކަމަށެވެ.
މައްސަލަ ނިންމައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ދައުވާކުރާ ފަރާތުން އެދުނު ފަދައިން މި ދައުވާ އަނބުރާ ގެންދިއުމަށް ހުރަސްއަޅާ އެއްވެސް ގާނޫނީ ސަބަބެއް ނެތުމާއެކު، ކަނަކްޕޮންގެ ފަރާތުން މި ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް ނިންމާކަމަށެވެ.

