ކިޔަވައިދިން ކުދިންގެ ނަތީޖާ ދަށްވުމާއި ފެންވަރު ދަށްކަމަށް ބުނެ، ދ. އަތޮޅު ސްކޫލްގެ ބިދޭސީ ޓީޗަރަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް އަމުރުކޮށްފިއެވެ.
ރަޔަސް ޖޮޝް މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ 16 ޖަނަވަރީ 2025 ގައެވެ. އޭނާ ހުށަހެޅި މައްސަލައިގައި ވަނީ 28 މެއި 2024 އިން ފެށިގެން ދ. އަތޮޅު ސްކޫލުގެ ބީ ޓެކް ހޮސްޕިޓަލިޓީ ޓީޗަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން ދަނިކޮށް، އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި 12 ސެޕްޓެންބަރު 2024 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
މައްސަލައިގައި ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ކެރިއަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޭނާ ވަނީ އެދިފައެވެ.
މި މައްސަލައިގައި ދައުލަތުން ސީއެސްސީ ބުނެފައި ވަނީ ރަޔަސް ޖޮޝް ވަޒީފާއިން ވަކިކުރީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ދަރިވަރުން ފާސްވާ ނިސްބަތް 75 އިންސައްތައިގައި ހިފެހެއްޓިފައި ނުވާތީއާއި، ކިޔަވައިދިނުމުގެ ފެންވަރު ދަށްވެ އޮބްޒަވޭޝަންތަކުން އިސްލާހުވާންޖެހޭ ކަންކަން ފާހަގަވުމުންވެސް އެކަށީގެންވާ ކުރިއެރުމެއް އައިސްފައި ނުވާތީ ނޯޓިސް ދިނުމަކާ ނުލައި ކަމަށެވެ. އަދި ދަރިވަރުންގެ ފާސްވި ރޭޓަކީ 53.9 އިންސައްތަކަމަށް ސީއެސްސީން ފާހަގަކުރިއެވެ.
ޓްރައިބިއުނަލުން މައްސަލަ ބެލުމަށްފަހު ނިންމީ، ޓީޗަރު ވަޒީފާއިން ވަކިކުރަން ނިންމައި އެންގިއިރު ޓާމް އިމްތިހާނު ނަގާފައިވެސް ނުވާތީ އެ ނަތީޖާއަށް ބިނާކޮށް ވަކިނުކުރެވޭނެކަމަށާއި، ސީއެސްސީން ބުނާ ދަށް ނަތީޖާގެ ސައްހަކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
މީގެއިތުރުން، އޮބްޒަވޭޝަން ރިޕޯޓުތައް ޓީޗަރާ ހިއްސާކޮށް ރަނގަޅުކުރުމުގެ ފުރުސަތު ދިންކަންވެސް އެނގެން ނެތް ކަމަށް ޓްރައިބިއުނަލުން ފާހަގަކުރިއެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން އޮތް ނަމަވެސް، އިޖުރާއީ އަދުލުވެރިކަން ފުރިހަމަވެފައިވޭތޯ ބަލަންޖެހެއެވެ. އަދި ހައިކޯޓުގެ ނިންމުންތަކަށާއި ވަޒީފާއާބެހޭ ގާނޫނަށް ރިއާޔަތްކުރާއިރު، ނޯޓިސް ދިނުމަކާ ނުލައި ވަކިކުރާ ހާލަތްތަކުގައި ވެސް މުވައްޒަފަށް ކުރެވޭ ތުހުމަތުގެ ތަފްސީލު ދިނުމާއި، ޖަވާބުދާރީވުމަށް އެހީތެރިއަކު ހޯދުމުގެ ފުރުސަތު ދިނުމާއި، އިދާރީ ތަހުގީގެއް ހިންގުމުގެ އިތުރުން ވަކިކުރި ސަބަބުތައް މުވައްޒަފަށް ސާފުކޮށް އަންގަންޖެހޭނެކަމަށް ވަނީ ބުނެފަ އެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ ގަޟިއްޔާއަކާ ހަވާލާދީ ޓްރައިބިއުނަލުން ފާހަގަކުރި ގޮތުގައި، ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނީ އެ ތުހުމަތުތަކުގެ ތަބީއަތަށާއި ހާލަތަށް ރިއާޔަތްކޮށް، މުވައްޒަފަށް އެކަން ސާފުކޮށްދިނުމަށް ފަހުގައެވެ.
މި މައްސަލައިގައި ވަޒީފާއިން ވަކިކުރި މީހާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވީ ނަމަވެސް، ވަޒީފާއިން ވަކިކުރުމުގެ ކުރިން އެހީތެރިއެއްގެ އެހީ ހޯދުމުގެ ފުރުސަތު އޮތްކަން އަންގާފައިނުވާކަމާއި، ކުރެވުނު ތުހުމަތުތަކާ ގުޅިގެން އިދާރީ ތަހުގީގެއް ހިންގާފައިނުވާކަން ފާހަގަކޮށްފައި ވެއެވެ.
މި މައްސަލައިގައި، ޓީޗަރުގެ ފަރާތުން ބުނެފައިވަނީ އޭނާގެ ކިޔަވައިދިނުން އިސްލާހުކުރަން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށެވެ. އަދި އޭނާގެ ފެންވަރު ވަޒަންކޮށްފައި ވަނީ އެންމެ ޓާމެއްގެ ޔުނިޓް ޓެސްޓަކާއި ފަހު އިމްތިހާނަށް ބަލައިގެންކަމަށާއި، އެއީ ޓީޗަރެއްގެ ގާބިލުކަން އެއްކޮށް ވަޒަންކުރެވޭނެ އިންސާފުވެރި މިންގަނޑެއް ނޫން ކަމަށެވެ.
އެހެންކަމުން، ޓީޗަރު ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 82،592 ރުފިޔާ، އޮކްޓޯބަރު މަހުގެ 11 ގެ ކުރިން އޭނާއަށް ދައްކައި ހަލާސްކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.

