ކުރީގެ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަރަޔަމެންޓް މިނިސްޓްރީ ހިނގި އިމާރާތުގައި ރޯވެ، ދައުލަތުގެ މުހިންމު ލިޔެކިޔުންތަކެއް ނެތިދިޔަ ހާދިސާއަށް މިއަދަށް އެއް އަހަރާއި ނުވަ މަހާއި 12 ދުވަސް ހޭދަވެފައިވާއިރު، އެ ހާދިސާގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުރަތަމަ ފުލުހުން އާންމުކޮށްފައި މިވަނީ މިއަދުއެވެ. ފުލުހުން އާންމުކުރި މައުލޫމާތުން އެ ހާދިސާއާ ގުޅިގެން ހަރަކާތްތެރިވުމުގައި ކަމާ ބެހޭ ފަރާތްތަކުގެ ލަސްކަން ހާމަވެގެންދިޔައިރު، ފުލުހުން އަދިވެސް ބުނަނީ ތަހުގީގުގެ ތެރެއިން އެކަންކަން ބަލާނެ ކަމަށެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހާދިސާގެ މައުލޫމާތު ފުލުހުން ދިނީ ހާދިސާގެ މަންޒަރުތައް ފެންނަ ބައެއް ވީޑިއޯތައް ހިމަނައިގެން ހަދާފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކާއެކުއެވެ. އެ ޕްރެޒެންޓޭޝަނުގައި ފާހަގަކުރި ގޮތުގައި:
- 5:33 ގައި ހައުސިން މިނިސްޓްރީގެ ގްރައުންޑް ފްލޯއިން ކަރަންޓު ކެނޑުނުކަން ފާހަގަވި
- 6:13 ގައި ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތުގެ ގްރައުންޑް ފްލޯގެ ސީލިންއާއި ފަސްޓް ފްލޯގެ ޑެކާ ދެމެދު އަލިފާން ރޯވެފައި ހުރިކަން ސެކިއުރިޓީ ގާޑަކަށް އެނގުނު
- އިރުކޮޅެއް ފަހުން ސެކިއުރިޓީ ގާޑު އޮފް ޑިއުޓީ އެމްއެންޑީއެފްގެ އޮފިސަރަކު މަގުމަތިން ހުއްޓުވުމުން އެ މީހާ ހާދިސާ ރިޕޯޓުކުރޭ.
- ސެކިއުރިޓީ ގާޑާއި އެމްއެންޑީއެފްގެ އޮފިސަރު ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތުގެ ގްރައިންޑް ފްލޯގެ ސީލިންއާއި ފަސްޓް ފްލޯގެ ޑެކާ ދެމެދު އޭސީ ޔުނިޓެއްގެ ނަރުތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާ
- އޭގެ އިރުކޮޅެއް ފަހުން ފަޔާ ފައިޓަރުން އައި ވަގުތު ކެމެރާއިން ފެންނަަނަމަވެސް ފުލުހުން ޓައިމް ސްޓޭމްޕް އާންމުކޮށްފައިނުވޭ
- 6:36 ގައި ފަޔާ ފައިޓަރުން ފުރަތަމަ ފަހަރަށް ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތަށް ވަދޭ
ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތުގެ ގްރައުންޑް ފްލޯގެ ސީލިންއާއި ފަސްޓް ފްލޯގެ ޑެކާ ދެމެދު އޭސީ ނަރުތަކެއްގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލީ ސެކިއުރިޓީ ގާޑާއި އޮފް ޑިއުޓީ ސިފައިންގެ މީހާއެވެ. އެކަމަކު، އޭރުވެސް އެތަނުން ދުން އަރަމުން ދިޔައެވެ.
އޭގެ އިރުކޮޅެއް ފަހުން ފަޔާ ފައިޓަރުން އަންނަ މަންޒަރު ކެމެރާއަށް އަރާފައިވާނަަމަވެސް، އެ މީހުން ސީނަށް ދިޔަ ޓައިމްސްޓޭމްޕް ފުލުހުން އާންމެއް ނުކުރެއެވެ. ފަޔާ ފައިޓަރުން އެތަނަށް ގޮސް ބެލި އިރު ވެސް އޭސީ ނަރުތަކުގައި ރޯވި އަލިފާންގަނޑު ހުރީ ނިވިފައެވެ. އިމާރާތުގެ ތެރޭގައި އަލިފާން ރޯވެފައި ހުރި އެއްވެސް ދިމާލެއް އެ މީހުންނަށް އޭރު ފާހަގައެއް ނުވެއެވެ. ނަމަވެސް، އޭރު ވެސް ދުން އަރަމުން ދިޔައެވެ.
ވީޑިއޯތަކުގެ ޓައިމްސްޓޭމްޕްތަކުން އެނގޭ ގޮތުގައި 6:36 ގައި ފަޔާ ފައިޓަރުން ފުރަތަމަ ފަހަރަށް ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި އިމާރާތަށް ވަދެއެވެ. ނަމަވެސް އަލިފާންގަނޑު ނުފެނިގެން އެ މީހުންނަށް ގިނަ އިރުތަކެއް ވަންދެން އެތަނުގެ ތެރޭގައި ހަރަކާތްތެރިވިއެވެ.
ފުލުހުންގެ ދެއްކި ޕްރެޒެންޓޭޝަނުން ފެންނަ ގޮތުގައި ހާދިސާގެ މައުލޫމާތު ލިބުމުން އެތަނަށް ފުލުހުންނާއި ފަޔާ ފައިޓަރުންގެ ފުރަތަމަ ޓީމު ގޮސް ގާތްގަނޑަކަށް ގަޑިއެއްހާއިރު ހޭދަވެފައިވެއެވެ. އެތަނަށް ވަން ފުލުހެއްގެ ބޮޑީކޭމް ފޫޓޭޖު ފުލުހުން އާންމުކޮށްފައިވާއިރު، އެ ވީޑިއޯތަކުން އެ އިމާރާތުގެ ތެރޭގައި އެކި ދިމަދިމާލުގައި ރޯވެފައި ހުރި އަލިފާންގަނޑުތައް ހޯދުމުގެ މަސައްކަތް ފަޔާ ފައިޓަރުންނާ ގުޅިގެން ކުރަމުންދިޔަ މަންޒަރު ފެނެއެވެ.
7:15 ގައި ވެސް ފަޔާ ފައިޓަރުންނާއި ފުލުހުން ދިޔައީ އިމާރާތުގެ ތެރޭގައި އަލިފާން ރޯވެފައި ހުރި ތަންތަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. 7:16 ހާއިރު ފަޔާ ފައިޓަރުން ސީލިންގެ ތެރެ ބެލިއިރު، ކަރަންޓު ނަރުތަކެއްގައި ރޯވެފައި ހުރި އަލިފާން ފެނިގެން ފޯމު ޖަހައި އެ އަލިފާންގަނޑު ނިއްވާލައެވެ. އެހެންކަމުން، ސީނަށް ދިޔަ ވަގުތުން ފެށިގެން އަލިފާންގަނޑު ނުހޯދި ފަޔާ ފައިޓަރުންގެ ފުރަތަމަ ޓީމު އެތަނުގެ ތެރޭގައި ގާތްގަނޑަކަށް އެއް ގަޑިއިރު ހޭދަވިއެވެ.
އެކި ދިމަދިމާލުގައި އަލިފާންގަނޑު ފެތުރިފައި ހުރިކަން އެނގި އެތަނުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، އަލިފާންގަނޑު ފެތުރި ބޮޑުވެގެންދިޔަ ކަމަށް ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ މޭޖާ ކްރައިމް ޑިޕާޓްމެންޓުގެ ހެޑް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެ ހާދިސާގައި އެއްވެސް ބަޔަކު އިހުމާލުވެފައިވޭތޯ ތަހުގީގުގައި ބަލާފައިވާނެތޯ ”ސަންގު ޓީވީ“ން ސުވާލުކުރުމުން އަބްދުﷲ ރަޝީދު ވިދާޅުވީ، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ތަހުގީގު ކުރިއަށްދާ ވަރަކުން ބަލަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން، އެއް އަހަރާއި ނުވަ މަސް ވިއިރު ވެސް ފުލުހުންނަށް އެކަމުގައި ބައެއްގެ އިހުމާލެއް އޮތްކަން ހޯދިފައި ނުވާއިރު، ތަހުގީގު އަދިވެސް ނުނިމޭކަން ވެސް ވަނީ ހާމަވެފައެވެ.
އެ ދުވަހުގެ މެންދުރު 12:45 ހާއިރު އަލިފާން ކޮންޓްރޯލް ކުރެވުނުއިރު، އަދި 15:30 ގައި އަލިފާން އެއްކޮށް ނިއްވާލެވުނުއިރު، ތިން މިނިސްޓްރީގައި ރޯވެ އިމާރާތްތައް އެއްކޮށް ވަނީ އަނދައި ހުލިވެ ގޮސްފައެވެ. ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވިއިރު، އެއްވެސް އެއްޗެއް އެ އިމާރާތުން ސަލާމަތްކުރެވިފައި ނުވެއެވެ. ނަމަވެސް އެންވަޔަރަމެންޓް މިނިސްޓްރީގެ އިމާރާތުން ބައެއް ތަކެތި ސަލާމަތްކުރެވުނެވެ.
އެ އިމާރާތުގެ ކަރަންޓު ވަޔަރުތައް ތަހުލީލުކުރިއިރު ކަރަންޓު ނަރުތަކުގައި ހޫނުވެގެން އުފެދޭ އާކް ފެނިފައިވާ ކަމަށާއި އޯވަހީޓްވުމުގެ ސަބަބުން އެއް ނަރު އަނެއް ނަރާ އެއްވެފައި ހުރި ކަމަށާއި ބައެއް ނަރުތައް ވިރިފައި ހުރިކަން އަދި ދެ ނަރެއް ޝޯޓްވެފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ އިތުރުން އާސަން ސާމްޕަލްގެ ފޮރެންސިކް ތަހުލީލުކުރި އިރު އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ފަދަ އެއްވެސް ކެމިކަލެއްގެ އަސަރެއް ފެނިފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ. ފުލުހުން ބުނީ އަލިފާން ރޯވެފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނު ޖިއޮމެޓްރިކްސް ޑިޕާޓްމެންޓުގައި ކުރިން ވެސް ކަރަންޓުގެ މައްސަލަތައް ހުންނަކަން ފާހަގަކުރެވުނު ކަމަށެވެ.
އެ ހާދިސާ ތަހުގީގުކުރަން ގެނައި އިންޑިއާގެ ޓީމުން އެކުލަވާލި ރިޕޯޓުގައި ވެސް އަލިފާން ރޯވެފައި ވަނީ ކަރަންޓު ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ނިންމާފައިވާކަން ފުލުހުން ފާހަގަކޮށްފައިވެެއެވެ. އަދި އަލިފާން ރޯވީ ސީލިންގާއި ޑަކްޓްތަކުގެ ތެރޭގައި ހުރި ނަރުތަކެއްގައި ކަމުން އަލިފާން ހޯދައި ނިއްވާލުމަށް ދަތިތަކެއް ކުރިމަތިވެ، އަލިފާން ފެތުރުނުކަން އެ ޓީމުން ވެސް ފާހަގަކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ އިތުރުން އިމާރާތް ހަދާފައިވަނީ އަލިފާން ހިފަން ފަސޭހަ ތަކެތިން ކަމަށް ވާތީ އަދި އެތަނުގެ ތެރޭގައި ހުރި ތަކެއްޗަކީ ވެސް އަލިފާން ހިފާ ޒާތުގެ ތަކެއްޗަށް ވާތީ އަލިފާން ފެތުރިގެންދިޔަ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި، އިންޑިއާގެ ޓީމުން އައިސް ތަހުގީގުގެ ހޯދުންތައް ހޯދިއިރު، ސީނުގައި ހުރި ބައެއް ތަކެތި އޭރު ހުރީ ސާފުކޮށްފައެވެ. އެ ޓީމުގެ ނިންމުން ބިނާކުރީ ދިވެހި ފުލުހުން ހޯދި ހެކިތަކާއި މައުލޫމާތުގެ މައްޗަށް އެކަނި ބިނާކޮށްގެންތޯ ”ސަންގުން“ ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ، އެފަދަ ހާދިސާތަކާ ގުޅިގެން ތަންތަން ސާފުކުރަނީ ވަރަށް ބަލައިގެން ކަމަށެވެ. އަދި އެކަމުގެ ތަފްސީލެއް ނުދީ، އިންޑިއާ ޓީމުން އެ މީހުން ބޭނުންވި މައުލޫމާތު ހޯދައިގެން ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ އިމާރާތްތަކުގައި ބަޔަކު ރޯކޮށްލީ ކަމަށް ތުހުމަތުކުރާއިރު، ފުލުހުން ބުނެފައިވަނީ، 11 ޑިސެމްބަރު 2024ގެ 16:00 އިން ފެށިގެން އެ ރޭ 00:40 އާ ހަމައަށް އެ ބްލޮކަށް މިނިސްޓްރީތަކުގެ މުވައްޒަފުން ފިޔަވައި އެއްވެސް މީހަކު ވަދެފައިނުވާކަމަށެވެ.
ފުލުހުން ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި އެ އިމާރާތް ހުރި ބްލޮކުގައި ކެމެރާތައް ބަހައްޓާފައި ހުރި ގޮތް ދައްކާލާފައިވެއެވެ. އެގޮތުން އެ ބްލޮކަަށް ވަދެވޭ ހުރިހާ ދިމާލެއް ކަވަރުކުރެވޭ ގޮތަށް ކެމެރާ ބަހައްޓާފައި ހުރި ކަމަށާއި، އޮފީސްތައް ބަންދުކުރުމާއި ހާދިސާ ހިނގުމާ ދެމެދު އެތަނަށް އެއްވެސް މީހަކު ވަދެފައިވާކަން ކެމެރާތަކުން ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހާދިސާ ހިނގި ދުވަހު އެންމެ ފުރަތަމަ އޮފީހަށް ދިޔައީ، 6:01 ގައި ހައުސިން މިނިސްޓްރީގެ އަންހެން މުވައްޒަފެއް ކަމަށާއި އޭނާ އޮފީސް ބައިގެ ތެރެއަށް ވަދެފައިނުވާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ އިމާރާތުގައި ރޯކޮށްލީ ކަމަށާއި އެކަން ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އާންމު ރައްޔިތަކު ވިޔަސް އަދި ކޮންމެ މީހަކު ވިޔަސް އުފައްދާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ވެރިފައިކޮށް ޔަޤީންކުރާނެކަމަށެވެ.
އެގޮތުން ރައީސް ޔާމީން ކުރައްވާފައިވާ ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނުގެ ބަހެއް ހޯދުމަށް މަސައްކަތްކުރިކަން ފުލުހުން ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީން ފޮނުއްވި ސިޓީގައި އެމަނިކުފާނު ބާއްވަވާ ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކަކީ އާންމުންގެ ތެރޭގައި އާއި މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ދައްކަވާފައިވާ ވާހަކަތައް ކަމަށް ވިދާޅުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

