ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ގާނޫނީ ކަށަވަރުކަން ހޯދުމުގެ އިތުރުން މާލީ އެހީތެރިކަން ފުޅާކުރުމަށް ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ގޮންޖެހުމަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ގައުމުތަކުގެ ވިލުންތެރިކަން އިތުރަށް ވަރުގަދަކުރުން ކަމުގައި ފާހަގަކުރައްވާފައެވެ.
އެގޮތުން، މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން، 1989 ވަނަ އަހަރު ބޭއްވި ”މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިޒް“ގައި ދިވެހިރާއްޖެއިން އެ ކާރިސާގެ ވާހަކަ އދ. ގެ އާންމު މަޖިލީހުގެ ސަމާލުކަމަށް ގެނައިކަން ހަނދުމަފުޅުކޮށް އަރުވަމުން، އޭރު ދެއްކި އެ އިންޒާރުގެ ވާހަކަ މިހާރު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި މައްސަލައަކަށް ވެފައިވާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ބިނާރަށާއި، ރައްޔިތުންގެ ދިރިއުޅުމަށާއި، މައިގަނޑު އިގުތިސާދީ ދާއިރާތަކުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ތަރައްގީއަށް ހުރަސްއެޅެމުންދާކަން ފާހަގަކުރައްވައި، މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
އެގޮތުން، ފުރަތަމަ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ އެހީތެރިކަމަކީ ދުރާލާ ލަފާކުރެވޭ، ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުތުތަކާއެކު ދެވޭ މާލީ އެހީތެރިކަމަކަށް ވާންޖެހޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނުރައްކާތައް ކުޑަކުރުމަށްޓަކައި އެހީގެ ފައިސާ އެކަށީގެންވާ އަވަސްމިނެއްގައި ލިބެންޖެހޭ ކަމަށާއި، ބައިނަލްއަގްވާމީ މުޖުތަމައަށް މިންނުކުރެވޭ ކަމަކަށް ހައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓަރކޮށް ބަލާނެ ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގައުމުތަކުގެ ޖިއޮގްރަފީއަށް ބަދަލުތަކެއް އަޔަސް، ދައުލަތްތަކުގެ ސިޔާދަތާއި، ގާނޫނީ ހައިސިއްޔަތު އަދި އދ.ގެ މެންބަރުކަމާ މެދު އެއްވެސް ސުވާލެއް ނުއުފެއްދޭނެ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކަނޑުގެ ސަރަހައްދުތަކާއި ދައުލަތްތަކުގެ ހައްގުތައް ކަށަވަރުކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަރުމާކުރުމުން ފެށިގެން ގައުމީ އިގުތިސާދީ ޕްލޭންތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ހިމެނުމަށް ގޮވާލައްވަމުން، ރާއްޖޭގެ ތިންވަނަ ’ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން‘ (އެންޑީސީ) މެދުވެރިކޮށް އެފަދަ ހަރުދަނާ ފިޔަވަޅުތައް ރާއްޖެއިން ތަންފީޒުކުރަމުންދާކަން ހާމަކުރެއްވިއެވެ.
ނައިބު ރައީސްގެ ބަޔާން ނިންމަވާލެއްވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ ދުނިޔޭގެ މެދުކެނޑުމެއް ނެތް ސަމާލުކަން ކޮންމެހެން ބޭނުންވާ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވަމުންނެވެ. އަދި ގައުމުތަކުން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ތަންފީޒުކޮށް، އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ރައްކާތެރިކުރުމަށްޓަކައި އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސްކުރެއްވިއެވެ.

