ހއ. ބާރަށުގައި 18 އަހަރުން ދަށުގެ ކުދިންގެ އަޚްލާގީ މައްސަލަތައް ބޮޑުވެ ބެލެނިވެރިއަކާ ނުލައި ރޭގަނޑު ނުވައެއްގެ ފަހުން ބޭރުގައި އުޅުން މަނާކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ބާރަށު ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ އެ ރަށުގެ ސްކޫލު ދަރިވަރުންނާއި 18 އަހަރު ނުފުރޭ ކުދިން ގޮނޑުދޮށްތަކާއި ފިނި މައިޒާންތަކާއި ކެފޭތަކާއި އެކަހެރި ސަރަޙައްދުތަކުގައި ރޭގަނޑު ދަންވަންދެން މުޖުތަމަޢު ބަލައިނުގަންނަ ފަދަ ގޮތްގޮތަށް އުޅެމުންދާކަން ފާހަގަކުރެވިފައިވާކަން ބަޔާންކޮށްފައެވެ.
އެފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ގޮތުން ނޭދެވޭ އަސަރުތައް ކުރާކަމަށާއި އަޚުލާޤީ އެތަކެއް މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އިއުލާނުގައިވެއެވެ. އެހެންކަމުން ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ރަށުތެރޭގައި ނޫޅުމަށް ވަނީ އަންގާފައެވެ.
މި ފިޔަވަޅާ ގުޅިގެން ރަށުގައި ޙަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި މުއައްސަސާތަކާއި ބާރަށު ސްކޫލާއި ކުޅިވަރު އެކެޑަމީތަކުން ވެސް އެކަމަށް ސަމާލުވުމަށް އެ ރަށު ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ބާރަށު ކައުންސިލުން އެ ފިޔަވަޅު އަޅާފައިވާއިރު، ރ. ވާދޫ ކައުންސިލުން ވެސް ވަނީ އެ ރަށުގެ ސްކޫލު ކުދިން ރޭގަނޑު 9:00ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ބޭރުގައި އުޅުން މަނާކޮށްފައެވެ.

