ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގެ ބިން ބޭރު ބަޔަކަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރި ވައްކަމެއް: ރައީސް ޔާމިން

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަަވަނީ/ ފޮޓޯ: ފައިިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ދިވެހި ގައުމުގެ އަންނަން އޮތް ޖީލުތަކުގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި، މި ޣައިރު ގާނޫނީ އެއްބަސްވުމަށް ކުރިމަގުގައި އެއްވެސް ވެރިކަމަކުން އަމަލުކުރަން ނުޖެހޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދިނުމަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން އެއްވެސް ސަރުކާރަކަށް ލިބިދޭ ބާރެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި މިފަދަ ގޮތަކަށް އަމަލުނުކުރާކަމަށާއި، މިއީ ސީދާ ގާނޫނާ ހިލާފަށް ހިންގާފައިވާ މުއާމަލާތެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެއިން 99 އަހަރަށް ބިން ދިނުމަށްފަހު، އެ މުއްދަތު އޮޓޮމެޓިކުން އިތުރުވާ ގޮތަށް ހަދާ އެއްބަސްވުންތަކަކީ ގާނޫނާ ހިލާފު އެއްބަސްވުންތަކެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މުސްތަގުބަލުން ކުރާ ވައްކަމެއްކަމަށް ސިފަ ކުރެއްވި އެވެ.

އެއީ ގާނޫނާ ހިލާފު އެއްބަސްވުމަކަށް ވާތީވެ، އެ އެއްބަސްވުން އަޕްހޯލްޑް ކުރާކަށް ދެން އަންނަ ސަރުކާރަކަށް ނުޖެހޭނެ. އެއްގޮތަކަށް ވެސް ނުޖެހޭނެ. ޔޫއޭއީގެ މި ކުންފުންޏަށް ވެސް އެނގެން ވާނެ އަޅުގަނޑުމެންގެ މުސްތަގުބަލު ތިޔަހެން ނުވިއްކޭނެކަން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރަސްމާލޭގެ ކޮންސެޕްޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ އުފެއްދުމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ދިވެހިންގެ މުސްތަގުބަލު އެގޮތަށް ވިއްކާނުލެވޭނެކަން ޔޫއޭއީގެ ކުންފުނިތަކަށް ވެސް އެނގެންވާނެކަމަށާއި، އެ ކުންފުނިތަކުގެ އަމިއްލަ ގައުމުގައި ވެސް ހުއްދަ ނުކުރާ ކަންކަން ރާއްޖޭގައި ނުކުރެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ރަސްމާލެއިން ހިއްކާ 1،100 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު ވަނީ ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލްއައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދީފަ އެވެ. ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން 20 ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ވޯޓާ ފްރަންޓް މެރީނާއަކާއި މަތީ ފަންތީގެ ހޮޓާތަކާއި ވިލާތައް ތަރައްގީކުރާނެ އެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް، މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތާއި، ފައިސާގެ މުއާމަލާތްތަކާ މެދު ސުވާލު އުފައްދަވަމުން ރައީސް ޔާމީން ވިދާޅުވީ، 20 ބިލިއަން ޑޮލަރުގެ އަމިއްލަ ފަންޑަކުން މަސައްކަތް ކުރާއިރު، ފައިސާ ނުހޯދައި ފަސް އަހަރު ދުވަހު ތިބެދާނެކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު ރައްޔިތުންނަށް ހެއްދެވި ދޮގުތައް މިއަދު ރައްޔިތުންނަށް ސާފުވަމުންދާކަމަށް ތުހުމަތު ކުރައްވައި ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ދުވަސްތަކެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަސްމާލެއިން ބޭރުގެ ބަޔަކަށް ވެލިފުކެއް ވެސް ދޫނުކުރާނެކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: