ރަސްމާލެ މަޝްރޫއުގެ ދަށުން އެއްވެސް ފަރާތަކަށް ބިން މިލްކުކޮށް ނުދޭނެކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުން ލޯނެއް ނުނަގައި އަދި އެއްވެސް ސޯވަރިން ގެރެންޓީއެއް ވެސް ނުދީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދާ ނޭޝަން ޗެޓް ޕްރޮގްރާމްގައި މިރޭ އެމަނިކުފާނު ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުން އެކުލަވާލާފައި ވަނީ ރާއްޖޭގައި މިހާރުވެސް އަމަލުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށާއި، އެއިން ބޭރުން އެއްވެސް ހާއްސަ ލުޔެއް އެ ކުންފުންޏަށް ދީފައި ނުވާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން ބިން ވިއްކައި މިލްކުކޮށްދޭކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކޮށްދިނުމަކީ ޤާނޫނުއަސާސީން ވެސް މަނާކުރާ ކަމެއްކަން ފާހަގަކުރައްވައި، މި ސަރުކާރުގެ އެއްވެސް އިންވެސްޓްމަންޓެއްގައި ޤާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށްދޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި މަޝްރޫއަށް އެއްވެސް ޓެކްސް ކޮންސެޝަނެއް އަދި ޑިއުޓީ އެގްޒެމްޝަނެއް ވެސް ދީފައި ނުވާނެ ކަމަށެވެ. އަދި ރަސްމާލެއިން ދޫކުރެވޭނީ ހަމައެކަނި ލީޒް އުސޫލުންކަމަށާއި، އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކޮށްގެން، ބިން މިލްކު ނުވާ ގޮތަށް ގިނަ އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް ގެނައުންކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ގިނަ ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ކުރިއަރައިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ހުރަސްއެޅޭނެ މަޝްރޫއެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
މުޅި މަޝްރޫއު ނިންމުމަށް ބޭރުގެ އިންވެސްޓަރުން ގާތްގަނޑަކަށް 10 އަހަރުގެ މުއްދަތެއް އަންދާޒާކޮށްފައި ވީނަމަވެސް، ރަސްމާލޭގެ އަސާސީ ހިދުމަތްތައް މާ ކުރިން ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މި ހިނގާ އަހަރުގެ ތެރޭގައި މަސައްކަތްކުރައްވަނީ ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް ފެނާއި، ނަރުދަމާ، ކަރަންޓު އަދި މަގުހެދުމުގެ މަސައްކަތްތައް ބަޔަކާ ހަވާލުކުރުމަށްކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު ބިން ހިއްކާ ނިމުމާ އެކު މި ޔޫޓިލިޓީ މަސައްކަތްތައް އަމަލީ ގޮތުން ފެށިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

