ޑިމޮކްރަސީ ހަރުދަނާވާނީ ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެގެން ކަމަށާއި، ޤައުމަށް ގެއްލުން ލިބޭނެ އެއްވެސް ފުރުސަތެއް އެއްވެސް ސިޔާސީ ޕާޓީއަކަށް ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ބައްޓަންވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މައްޗަށް ކަމަށްވާތީ، ޑިމޮކްރަސީގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޕާޓީތަކުގެ ހިންގުން ރަނގަޅުވުން މުހިންމު ކަމަށެވެ. އަދި ވެރިކަންކުރާ ޕީއެންސީން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން، ޤައުމަށް ފައިދާވާ ގޮތަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑު ބޭނުންވަނީ ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމު ހަރުދަނާގޮތުގައި ކުރިއަށްދާން، ޑިމޮކްރަސީ ހަރުދަނާވާނީ ސިޔާސީ ޕާޓީތައް ހަރުދަނާ ވެގެން. ޕީއެންސީން ބޭނުންވަނީ މިކަމުގައި ލާމަސީލު މިސާލެއް ދައްކަން… އަޅުގަނޑުމެން މަސައްކަތް ކުރާނީ، އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން، ޤައުމަށް ފައިދާވާގޮތް އެއީހަމަ އަޅުގަނޑުމެންގެ ހުރިހާވެސް ވިސްނުމަކީ. ޤައުމަށް ގެއްލުން ލިބޭނެ އެއްވެސް ފުރުސަތެއް ނުދެވޭނެ“ ރައީސް ވިދާޅުވިއެވެ.
ސިޔާސީ އެކި ފިކުރުތަކާއި ހިޔާލުތައް އިސްކުރާއިރު ވެސް އެންމެ ފުރަތަމަ ކަމަކަށް ތިމާއަކީ ދިވެހި ރައްޔިތެއްކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި، ދިވެއްސަކަށްވީތީ ފަހުރުވެރިވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމުގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތްތަކުގައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ޤައުމީ މަސްލަޙަތު ކުރިއަށް ނެރުމަކީ އިދިކޮޅު ފަރާތްތަކުގެ ވެސް ޒިންމާއެއް ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އަމަލުތަކުން އެ މަންޒަރު ނުފެންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ވެރިކަމުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް، ޤައުމުގެ ތަރައްގީއަށާއި ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާނަމަ އެކަމަކަށް އެއްބާރުލުންދީ ތާއީދުކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒިންމާދާރުކަމެއް ނެތި ސިޔާސީ ބޭނުމަށް ކުރާ ކަންކަމުގެ ގެއްލުން އެންމެ ފަހުން ލިބޭނީ މުޅި ޤައުމަށް ކަމަށް ވިދާޅުވެ، ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް ޤައުމީ ވިސްނުން އިސްކުރުމަށް އިލްތިމާސްކުރެއްވިއެވެ.
މިމަހުގެ 15 އިން 18 އަށް ކުރިއަށް ގެންދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ވެސް ޤައުމިއްޔަތާއި ”ދިވެހިވަންތަކަން“ އިސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޕާޓީގެ އެތެރޭގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އިންތިޒާމުތައް ރޭވިފައިވާ ކަމަށް ވިދާޅުވެ، ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެންބަރުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

