މާލޭގައި ފަރުވާކުޑަކޮށް، ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި މައްސަލައެއް ސަމާލުކަމަށް އައިސް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ ސޯޝަލް މީޑިއާގައި އިއްޔެގެ ވަގުތެއްގައި އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، އާޓިފިޝަލް ބީޗު ސަރަހައްދު ބޮޑުތަކުރުފާނު މަގުން ރޭގަނޑު ޓްރެފިކަށް ބާރުބޮޑު ގަޑިއެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ވަރަށް ބޮޑަށް އަރިކޮށް، މަގުގެ ދެކޮޅަށް ޒިގްޒެގްވާ ގޮތަށް ދުއްވުމަށްފަހު، ސިގްނަލެއް ނުދީ ނުލައި ކުއްލިއަކަށް މަޖީދީމަގަށް ލަނބާލައެވެ.
އެ ސައިކަލުގެ ފަހަތުގައި އިތުރު މީހަކު ހުރެ އެވެ.
ސައިކަލު ދުއްވާފައި ދިޔަ މިހާ، ވަނީ އެހެން ސައިކަލުތަކާއި ކާރުތައް އޯވަޓޭކްކޮށް ނުރައްކާތެރި ގޮތަކަށް ދުއްވާފަ އެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ލައިސަންސް ނެތް މީހަކު މިދިޔަ އާދިއްތަ ދުވަހުގެ ރޭގަނޑު ސޯސަންމަގުގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

