ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ ފައިސާ ފޮއްޗަކަށް ވިއްކައިލައިފިނަމަ، މާދަމާ ދީންވެސް މަދު ފައިސާ ކޮޅަކަށް ވިއްކާލަފާނެ: ނާޒިލް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރަސްމާލެ ފައިސާ ފޮއްޗަކަށް ވިއްކައިލައިފިނަމަ، މާދަމާ ދީންވެސް މަދު ފައިސާ ކޮޅަކަށް ވިއްކާލަފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވެފައިވާ ކަންކަމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ، ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ވިއްކާލާ ހިސާބަށް ދިޔައީ ރައްޔިތުން ނިކަމެތިވެ ރައްޔިތުންނަށް ފައިސާ ފޮއްޗެއް ބޭނުންވިކަމަށް ސަރުކާރަށް ގަބޫލުކުރެވިގެން ކަަމަށް ގިނަ ބޭފުޅުން ވިދާޅުވާ ކަމަށެވެ.

އެހެންނަމަވެސް، މިއަދު ބަޔަކަށް ބިން ވިއްކާލައި، ބަޔަކު އެތާ ވަޒަންވެރިވެ، އަނެއްކާވެސް އެމީހުންނަށް އެތަނުގައި އުޅެން ފަސޭހަކުރުމަށް، އޭރަކު އޮންނަ ސަރުކާރަކުން ދީނީ މިނިވަންކަމުގެ ނަމުގައި ހުރިހާ ދީނެއް އުޅެވޭ ގޮތް ހަދަން އުޅޭ އަޑު އިވެން ފަށާފާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަބަދުވެސް އޮންނަނީ ފައިސާ ފޮއްޗެއް ފެންނަ އިރަށް ތަނެއް ވިއްކާލަން ޖެހިފައިކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ، މިއަދު މިއޮތީ ފައިސާ ފޮއްޗަކަށް އަނެއްކާވެސް ބިން ވިއްކާލާ ހިސާބަށް ގޮސްފައި ކަމަށެވެ.

”މި އިޒަތްތެރި މަޖިލީހުގައި މިކަމަށް ތާއިދުކުރައްވާ ބޭފުޅުން މި ވިސްނާވަޑައިގަންނަވަނީ ފައިސާ ފޮއްޗެއް ލިބޭނީ މިއަށް ހަމަ ތާއިދު ކޮށްގެންނޭ. ދެން އަންނަ ދުވަހެއްގައި ދީން ވިއްކާލާނީވެސް ހަމަ ފައިސާ ފޮއްޗަކާއި ދިމާލަށް ގޮސްގެން އަނެއްކާވެސް،“

ނާޒިލް ވިދާޅުވީ، މި ފަސްގަނޑު ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތީ އެފަދަ ގިނަ ފުރުސަތުތައް ލިބުނު ނަމަވެސް، އެކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ. ވިސްނާނުލާ އެގޮތަށް އެކަން ކުރުމުގެ ނަތީޖާ މުސްތަގުބަލުގައި ހިތިވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، ރިސޯޓުތަކުގެ ވާހަކަ ދައްކާއިރު، އެއީ ރަސްމާލެއާއި މުޅިން ތަފާތު ކޮންސެޕްޓެއް ކަމަށެވެ. ބޭރު މީހުން ދިރިއުޅުމަށް 99 އަހަރަށް ކުއްޔަށް ދޭން އުޅޭއިރު އެކަމުގެ ހަގީގަތް އެނގޭ އެއްވެސް ބަޔަކު ނެތް ކަމަށާއި އެއްބަސްވުން އާންމު ނުކުރާކަން ނާޒިލް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: