ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށްފައިވާ އަދަދު ނޫހުގެ ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން ގަޒްފުގެ ދައުވާ އުފުލާފައިވާ އައިޝަތު އީޝާ އަޝްރަފްގެ ޝަރީއަތުގެ އަޑުއެހުންތައް ފަށައިފިއެވެ.
މި ސަރުކާރުގައި ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތްކުރި އީޝާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކުރީ މިއަދު 10:00 އަށެވެ. ކްރިމިނަލް ކޯޓުން އާންމުކުރާ މައްސަލަތަކުގެ ތާވަލުން އެނގޭ ގޮތުގައި، އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.
އީޝާގެ މައްސަލަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ގާޒީ އިބްރާހިމް ޒިހުނީ ހިންގަވާ ކްރިމިނަލް ކޯޓުގެ ބީ1 ސެކްޝަނުންނެވެ. އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައިގައި މީގެ ކުރިން އީޝާގެ ބަޔާން ނެގުމަށް ފުލުހަށް ހާޒިރުކޮށްފައިވާއިރު، އޭނާއަށް ރާއްޖެއިން ބޭރަށް ނުފުރޭ ގޮތަށް ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ގަޒްފުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ ދެ މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

