ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް 10 ދުވަސް ތެރޭގައި ވަކީލަކު އައްޔަންކުރަން ކްރިމިނަލް ކޯޓުން އޭނާއަށް ފުރުސަތު ދީފިއެވެ.
ސައުދުގެ މައްޗަށް ދައުލަތުން އުފުލި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މިއަދުއެވެ.
ކްރިމިނަލް ކޯޓުގެ ބީ12 ސެކްޝަނުން ކުރިއަށް ގެންދާ އެ މައްސަލައިގައި މިއަދު އޮތީ އިދާރީ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދެ ފަރާތުން ވަނީ މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައެވެ.
އޭގެ އިތުރުން، އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއީ ވަކީލަކު އައްޔަންކުރަން ސައުދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ސައުދުގެ މައްޗަށް ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އުފުލީ، ތިނަދޫ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އޭނާ ސޮއިކުރައްވައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވި ލިޔެކިޔުންތަކުގައި މަރުވެފައިވާ މީހުންނާއި ސައްހަކަން ކަށަވަރުނުވާ މީހުންގެ މައުލޫމާތު ހިމަނާފައިވާކަމަށް ބުނެއެވެ. އަދި އައިޑީ ކާޑު ނަންބަރާއެކު ސައްހަ ލިސްޓެއް ހުށަހެޅުމަށް އެލްޖީއޭއިން އެންގުމުން، ދެވަނަ ފަހަރަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުންނާއި، އެއް ބައެއްގެ ނަންތައް ތަކުރާރުކޮށް ހިމަނާފައިވާތީކަމަށް ދައުލަތުން ބުނެއެވެ.
މީގެ އިތުރުން، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ، އެލްޖީއޭއަށް ފޮނުވި ލިސްޓުތައް ތަހުގީގަށް ހިއްސާކުރުމަށް ފުލުހުން އެދުމުން އެކަން ނުކޮށްދިނުމުގެ އިތުރުން، ސިޓީގެ ދަރަޖަ ހޯދުމަށް އެއްވެސް ލިސްޓެއް ދައުލަތުގެ އިދާރާއަކަށް ފޮނުވިކަމުގެ ރެކޯޑެއް ނެތްކަމަށް ބުނެ ފުލުހުންނަށް ފެކްސް މެދުވެރިކޮށް ދޮގު މައުލޫމާތު ދެއްވާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އެ ދެ ކުށުގެ އަސާސީ އަދަބު އެއްކޮށްލުމުން އަންނަނީ ޖުމުލަ 2 އަހަރާއި 1 މަސްދުވަހުގެ ޖަލު ހުކުމެކެވެ. އެގޮތުން، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅިފައިވާއިރު، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
އެޑިޓަރުގެ ނޯޓު * މި އާޓިކަލްގައި ކުރިން ސައުދަށް ދީފައިވަނީ 15 ދުވަސް ކަމަށް ލިޔެވިފައިވަނީ ކްރިމިނަލް ކޯޓުން މައުލޫމާތު ފޯރުކޮށްދިނުމުގައި އެ ކޯޓަށް ހެދުނު ގޯހަކުންނެވެ.

