ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށެއް ސާބިތު ނުވަނީސް މީހެއްގެ މުޅި މުދާ ހިފެހެއްޓޭނެ ގޮތަށް ބިލު އޮތުމަކީ ކަންބޮޑުވުމެއް: ޒިޔާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގައި ކަންބޮޑުވާ ކަމަކީ ކުށެއް ސާބިތު ނުވަނީސް އެމީހެއްގެ މުޅި މުދާ ހިފެހެއްޓޭނެ ގޮތަށް އިސްތިސްނާ ހާލަތްތަކެއް ބަޔާންކޮށްފައި އޮތުން ކަމަށް ވަކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ޒިޔާދު ވިދާޅުވީ، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގެންޖެހޭ ކަމަށާއި އެކަމާއި ދެކޮޅު ނޫން ކަމަށެވެ. އެހެންނަމަވެސް ގާނޫނެއް ހަދާއިރު ބަލަންޖެހޭ ކަންކަން ހުރި ކަމަށާއި، ބޭރުގައި ހުންނަ މުދާވެސް އަދި ކުށެއް ސާބިތު ނުވަނީސް އެ މުދާވެސް ނެގޭ ކަމަށް ހުށައަޅާފައިވާ ބިލުގައި ބުނާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ މިހާރުވެސް ނުހައްގު މުއްސަނދިކަމުން ހޯދާ މުދަލާއި، މަސްތުވާތަކެއްޗާއި ވަގު ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގޭ ކަމަށެވެ.

އައު ކަމަކަށް ބިލުގައި ހިމަނާފައި ވަނީ ހަމައެކަނި، ބޭރުގައި ހުންނަ މުދާވެސް އަދި ކުށެއް ސާބިތު ނުވަނީސް އެމުދާވެސް ނެގޭ ކަމަށް ބުނާ ބައި އެކަނި ކަމަށް މެމްބަރު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ ކުށް ސާބިތު ނުވާ ހާލަތުގައި މުދާ ނެގޭނެ އިސްތިސްނާ ތިން ހާލަތެއް ބަޔަންކޮށްފައިވާ ކަމަށެވެ. އެއީ، އެ މީހަކު މަރުވުމާއި، އެ މީހާއަކީ ފިލައިގެން އުޅޭ މީހަކަށް ވުމާއި ދައުވާކުރެވޭނެ ހާލަތެއް ނެތުން ކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ.

އޭނާ ފަހަގަކުރެއްވީ ބިލުގެ 22 ވަނަ މާއްދާގައި ކުށްކޮށްގެން ހޯދާ މުދަލުގެ ވާހަކަ ދައްކާއިރު، 75 ވަނަ މާއްދާގެ (ނ) ގައި ސާބިތު ނުވާ ހާލަތުގައި މުޅި މުދާ ދައުލަތަށް ނެގޭ ގޮތަށް އޮތުމަކީ މިއީ ކަންބޮޑުވުމެއް ކަމަށެވެ. ސާބިތު ނުވާއިރު މުޅި މުދާ ނެގޭގޮތަށް 6 ވަނަ ބާބު ފަރުމާކޮށްފައިވާއިރު، އެ ކަންބޮޑުވުން އޮތީ ޖިނާއީ އިޖުރާއަތުގެ ނިޒާމު އޮތް ގޮތުން ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑާއި އެއްވަރަށް އިއްޒަތްތެރި ރައީސްވެސް ސުވާލު ހިތުގައި އުފެދޭނެ މިއަދުގެ ޖިނާއީ އިޖުރާއަތުގެ ނިޒާމު އޮތީ ހަމަ މިވަރުގެ ބޮޑު ބުރައެއް އުފުލޭ ވަރަށް ތޯ؟ މި ސުވާލު އަޅުގަނޑުމެން ކުރަނީ ވަރަށް ބައިވަރު ސަބަބުތައް ހުރީމާ، އަޅުގަނޑުމެން މި ސުވާލު ކުރަނީ ވަރަށް ބައިވަރު ސަބަބުތައް ހުރީމާ. އަޅުގަނޑު ނެތިން ޖީއެމްއާރުގެ ވާހަަކަ ދައްކާކަށް. އެހެންނަމަވެސް މިހެން ހިނގާފައި ހުރި ކަންކަމަށް އަޅުގަނޑުމެން ބަލާލަން ޖެހޭ،“

މީގެ އިތުރުން ބަހުސްގައި ޒިޔާދު ވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ހިނގި ދެ ދައުވާއެއްގެ ވާހަކަ ފާހަގަކޮށްފައެވެ. އެގޮތުން މޭޔަރު ސައުދު އަދި ގަޒުފްގެ ދައުވާ އުފުލާފައިވާ އީޝާގެ ދައުވާއާއި ގުޅިގެން ޒިޔާދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

”ދެ ދައުވާއަށް ބަލާލިޔަސް އަޅުގަނޑުމެންނަށް އިނގޭނެ، އެއް ދައުވާއަކީ ދާއިރާގެ މެމްބަރުން ހިތްހަމަޖައްސަން، އަނެއް ދައުވާއަކީ ގޭތެރޭގެ މަސްލަހަތަށް ޓަކައި ކޮށްފައިވާ ދައުވާއެއް. އަޅުގަނޑުމެންނަށް އެނގޭ ވަރަށް ސާފުކޮށް،“

ޒިޔާދު ވިދާޅުވީ، މިހެން ކަންކަން ހިނގާ ގައުމެއްގައި މިހާރު ހުށައަޅާފައިވާ ފަދަ ބިލެއް ގެނެސް ގާނޫނަކަށް ހަދަން އުޅޭއިރު، ގައުމުގެ ރައީސަކަަށް ހުންނާނީ އަބަދު ރައީސް ޑރ. މުހައްމަދު މުުއިއްޒު ކަމަށް ގަބޫލުކުރައްވައިގެން ނުވާނެ ކަމަށެވެ. މެމްބަރު ވިދާޅުވީ ރައްޔިތުންނަށް ލިބެން އޮންނަ ހައްގަކީ އެއީ އެ ގައުމެއްގެ ރައީސަކަށް ހުންނަ މީހާގެ އިހުލާސްތެރިކަމާއި ހެޔޮފުޅުކަމުން ލިބެންޖެހޭ އެއްޗެއް ނޫން ކަމަށެވެ.

އެ ބަދަލުތައް އަންނަން ޖެހޭނީ ހެދޭ ނިޒާމެއްގެ ތެރެއިން ކަމަށާއި، މިހާރު ހަދާފައިވާ ނިޒާމުގެ ތެރެއިން އެކަން އެހެން ވާތަން ފެނިވަޑައިނުގަންނަވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: