ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމުން ޑޮލަރުގެ އަގު ހެޔޮވާނެ ކަމަށް ވިދާޅުވި ނަމަވެސް، ޑޮލަރުގެ އަގު ތިރިނުވެ، ތިރިވަމުން ދަނީ ޕީއެންސީގެ މެމްބަރުންގެ އަދަދު ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ކޮންމެ ބަޖެޓެއްގެ ވެސް އަސްލު ބޭނުމަކީ ރައްޔިތުންގެ ޢާންމު ޙާލަތަށް ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގެ ތެރޭގައި ސަރުކާރަށް މެޖޯރިޓީ ދިނުމުން ޑޮލަރުގެ އަގު ތިރިވާނެ ކަމަށް ވަޢުދުވި ނަމަވެސް، މިއަދާ ހަމައަށް ވެސް ޑޮލަރުގެ އަގަށް އެއްވެސް ހެޔޮ ބަދަލެއް ނައިސް، މުދަލުގެ އަގު އުފުލެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ޑޮލަރުގެ އަގެއް ތިރިއެއްނުވޭ. ޑޮލަރަކަށް އަދި ނާދޭ ބަދަލެއް. މުދަލުގެ އަގުވެސް ދަނީ އުފުލެމުން. ދަރަނި ބޮޑުވަނީ، މުދަލުގެ އަގު ބޮޑުވަނީ، ދަށްވަނީ ޕީއެންސީގެ މެމްބަރުންގެ އަދަދު އެކަނި، އިތުރު އެއްޗެއް ދަށެއް ނުވޭ“ ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، ޑޮލަރުގެ އަގާއި މުދަލުގެ އަގު ހެޔޮނުވާތީ އެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. ބަޖެޓެއްގައި ކިތަންމެ ރީތި ވާހަކައެއް ލިޔެފައި އޮތް ނަމަވެސް، އެއިން ރައްޔިތުންގެ ޖީބަށް ލުޔެއް ނުލިބި، ރައްޔިތުންގެ ތަކުލީފުތަކަށް ޙައްލެއް ނުލިބޭނަމަ އެއީ ބޭކާރު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ބަޖެޓަށް ވޯޓު ދިން މެންބަރުންގެ ދާއިރާތަކާއި، ވޯޓު ނުދޭ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންގެ ޙާލަތަށް ވެސް އެއްވެސް ތަފާތެއް ނެތް ކަމަށާއި، އެއްވެސް ތަނެއްގައި މަޝްރޫޢުތައް ރަނގަޅަށް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ދަރަނި ދެއްކުން ކަމަށް ބުނާއިރު، ދަރަނި 120 ބިލިއަނުން 161 ބިލިއަނަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މިނިސްޓްރީއަށް ލިޔެގެންނާއި ވަޒީރު ހާޒިރުކޮށްގެން ސުވާލުކުރުމުން ވެސް ސާފު ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޞިއްޙީ ދާއިރާގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޒިޔާދު ވިދާޅުވީ، ބޭރުގެ ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުން ހަދައިގެން ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުނާތާ ތިން އަހަރު ވެގެން ދިޔައިރު ވެސް، އަދިވެސް ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލަ އޮތީ ހައްލުނުވެ ކަމަށެވެ.
ބަޖެޓުގައި ކަނޑައަޅާ ކަންކަމަށް ޚަރަދު ނުކުރެވުނު ނަމަވެސް، ބަޖެޓު ހުސްވަމުންދާ ކަމީ ބޮޑު މައްސަލައެއް ކަމަށާއި އެގޮތުން، 2025 ވަނަ އަހަރުގެ ބަޖެޓުގައި ނިކަމެތިންނަށް ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ކަރަންޓު ބިލު ދެއްކުމަށް 900 މިލިއަން ރުފިޔާ ހިމަނައި ޗާޕުކުރި ނަމަވެސް، އެ ފައިސާ ޚަރަދުކުރި ތަނެއް ފެންނަން ނެތް ކަމަށާއި، ޖެހިގެން އައި އަހަރުގެ ބަޖެޓުން ވެސް އެ ފައިސާއަށް ވީ ގޮތެއް އެނގެން ނެތް ކަމަށް ވިދާޅުވެ އެނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޒިޔާދު ވަނީ ދައުލަތުގެ ބަޖެޓުން ކުރާ ހޭދަތަކާއި އޭގެ ނަތީޖާއާ މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބަޖެޓަށް ގާތްގަނޑަކަށް 300 އެއްހާ މިލިއަން ރުފިޔާ ޚަރަދުވެގެން ދިޔައިރު، ބެލިފައިވަނީ އެންމެ ތިން މައްސަލަ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ފެނަކައިގެ ދެ މައްސަލައަކާއި ސުޕްރީމް ކޯޓުގެ މައްސަލައެއް އެކަނި ކަމަށް ވިދާޅުވެ، އެވަރުގެ ބޮޑު ބަޖެޓެއް ހޭދަކޮށްގެން ނުކުންނަ ނަތީޖާއަކީ ކޮބައިތޯ ޒިޔާދު ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން، ޕީއެންސީގެ 73 މެންބަރުން މަޖިލީހުގައި ތިއްބެވިއިރު، އޭގެ ތެރެއިން ވިއްސަކަށް މެންބަރުން ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، މިއީ މަޖިލީހުގެ ތާރީޚުގައި ވެރިކަންކުރާ ޕާޓީއަކުން ބަޖެޓު ބަހުސްގައި އެންމެ މަދުން ބައިވެރިވި ފަހަރު ކަމަށެވެ. އަދި މެންބަރުން ބަހުސް ނުކުރައްވަނީ ބަޖެޓު ކަމުނުދާތީއާއި ރައްޔިތުންގެ ކުރިމައްޗަށް ދާން ނުކެރޭތީ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ޒިޔާދު ވަނީ މުދަލާއި ޑޮލަރުގެ އަގު ދަނީ އުފުލެމުން ކަމަށާއި، މި ދަނޑިވަޅުގައި ދަށަށްދާ ހަމައެކަނި އެއްޗަކީ ޕީއެންސީގެ މެންބަރުންގެ އަދަދު ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

