އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން 23 އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރުމަށް ފަހު ނިންމީ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރާށެވެ. އެ ގޮތަށް ފާސްކޮށް އެކުލަވައިލި ރިޕޯޓް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅައި ބަހުސް ފަށައިފައެވެ.
ބަހުސަށް ފުރުސަތު ހުޅުވައިލައްވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި ގޮތުގައި ބަޖެޓަށް 23 އިސްލާހެއް ހުށަހަޅާފައިވެއެވެ. އެކަމަކު އެއީ ކޮން މެންބަރުންތަކެއް ހުށަހެޅުއްވި އިސްލާހުތައް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަން ކޮންމެ މެމްބަރަކަށް ހަތް މިނިޓުގެ ވަގުތެއް ދެއްވަން މަޖިލިހުގެ ރިޔާސަތުން ނިންމެވިއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ 59.7 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ. އެއީ 9.8 ބިލިއަން ރުފިޔާއެވެ.

