ދިވެހިރާއްޖޭގެ ބިމަކާ ގުޅޭ ބޮޑު އެގްރީމަންޓެއްގައި ސޮއިކުރާއިރު ރާއްޖެއިން ބޭރުގައި ސޮއިކުރުން އެއީ ގޯހެއް ކަމަށާއި އެއީ ސީދާ ގާނުނުއަސާސީއާ ހިލާފަށް ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
”މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ“ގެ ނަމުގައި ރަސްމާލޭގައި ތަރައްގީކުރާ ބޮޑު މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރ މަހުގެ 21 ގައެވެ. މިއީ ރާއްޖެއަށް ބޭރުގެ ފަރާތަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމެންޓެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި، ރަސްމާލޭގައި ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއިން ތަރައްގީކުރާ މި ބޮޑު މަޝްރޫއާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާ އަލީ ހުސެން ވިދާޅުވީ ރާއްޖޭގެ ބިމަކާއި ގުޅޭ ގޮތުން އެވަރުގެ ބޮޑު އެގްރީމަންޓެއްގައި ސޮއިކުރާއިރު ފުރަތަމަ ކަމަކަށް ރާއްޖެއިން ބޭރުގައި ސޮއި ކުރުންވެސް އެއީ ގޯހެއް ކަމަށެވެ. އަދި އެކަމުންވެސް ދޭހަވަނީ މުޅި މަޝްރޫއުގެ ކޮންޓްރޮލް އޮތީ އީގަލް ހިލްސް އަތުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
”ދިވެހިރާއްޖޭގެ ބިމަކާ ގުޅޭ ގޮތުން އެވަރުގެ ބޮޑު އެގްރީމަންޓެއްގައި ސޮއިކުރާއިރު ފުރަތަމަ ދިވެހިރާއްޖެއިން ބޭރުގައި ސޮއިކުރުންވެސް އެއީ ގޯހެއް އިނގޭތޯ. އެ މީހުން އަތުގަނު ލެވަރޭޖް އެއޮތީ. އެ މީހުންނަކަށްނު ކޮންޓްރޯލް އެއޮތީ. އެހެންވީމަތާ އަޅުގަނޑުމެން މިދާންޖެހެނީ ދަތުރު ހަދާފައި ސޮއިކުރަން،“ އަލީ ހުސެން
އަލީ ހުސެން ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް މިވަރުގެ މާތް މަތިވެރި ކަމެއް ކޮށްދޭން ބޭނުންވާނަމަ ފުރަތަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން މާ ރަނގަޅު ކަމަށެވެ.
”މިވަރު ޑެސްޕަރޭޓްވެގެން ސަރުކާރުން ބުނާވަރުގެ މިވަރުގެ މާތް މަތިވެރިކަމެއް ކުރަން އުޅެންޏާ އަޅެ ރައްޔިތުންގެ ވޯޓަކަށް އަހާލަން ވީނު،“ އަލީ ހުސެން
އަލީ ހުސެން ވަނީ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ވެދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިފަދަ ބޮޑު ބިޔަ މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމާއިރު އެންމެ ބުއްދިވެރި ގޮތަކީ ރައްޔިތުންގެ ހިޔާލު މިކަމުގައި ހުރި ނެތްގޮތް ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އެއްވެސް ބަހެއް އެކަމުގައި ނުހޯދައި ކުއްލިއަކަށް ބޭރުގެ ކުންފުންޏަކަށް ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މެރީނާއެއް ތަރައްގީކުރުމަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
އަލީ ހުސެންގެ ވާހަކަ ކުރިއަށް ގެންދަވަމުން ވަނީ އޯޕަން ބިޑަކާއި ނުލާ މިފަދަ ބޮޑު މަޝްރޫއެއް ބޭރުގެ ކުންފުންޏަކަށް ދެވިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި މިއީ ސީދާ ގާނުނުއަސާސީއާ ހިލާފަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

