ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
”ސަންގަށް“ އެނގިފައިވާ ގޮތުގައި، އޭނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.
އަލައްްބާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ނަން މަޝްހޫރު ބައެއް މީޑިއާތަކާ ބައްދަލުކޮށް، ބައެއް މީޑިއާތަކަށް ހާއްސަ ބަސްދީގަތުން ދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން، މި ދަތުރުފުޅުގައި އޭނާ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި މީޑިއާތަކާއި ވިޔަފާވެރިންނާއެކު ހާއްސަ ފަރިކޮޅެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
އޭނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.
އީގަލް ހިލްސްގެ މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން، އެ ކުންފުނީގެ ކާމިޔާބު މަޝްރޫއުތައް ދިވެހީންނަށް ދައްކާލަން ދިވެހި ބައެއް މީޑިއާތައް ރާއްޖެއިން ބޭރަށް ގެންދަން އުޅޭކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން ފެތުރިފައިވެއެވެ.
އަލައްބާރަކީ ޔޫއޭއީއަށް ނިސްބަތްވާ، ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު ބިލިއަނަރެއް އަދި ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ”ބުރުޖް ޚަލީފާ“ އާއި މަޝްހޫރު ”ދުބާއީ މޯލް“ ބިނާކުރި އީމާރް ޕްރޮޕަޓީޒްގެ ވެސް ބާނީއެވެ.

