ބޮޑު ބަދަލުގެ މައިގަނޑު ބޭނުމަކީ ރައްޔިތުމީހާ މާލީގޮތުން މިނިވަންކޮށް ދަރަނީގެ ދަންތުރައަކުން ސަލާމަތްކުރުން ކަމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހުޅުދޫގައި ހުންނަވާ ”ސަންގަށް“ ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފައްޔާޒް އިސްމާއިލް ރަސްމީކޮށް ފައްޓަވާފައިވާއިރު، އޭނާ ގެންދަވަނީ އައްޑޫ ސިޓީގައި ދޮރުން ދޮރަށް ޒިޔާރަތްކުރައްވައި އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ، ރައްޔިތުން މިހާރު އުޅެމުންދާ ނިކަމެތިކަމުން ސަލާމަތްކޮށް ރައްޔިތުމީހާއަކީ މާލީގޮތުން މިނިވަން މީހަކަށް ހެދުމަކީ އެ ޕާޓީން ހުށައަޅާ ބޮޑުބަދަލުގެ މައިގަނޑު އެއް މަގްސަދު ކަމަށެވެ. އަދި އޭނާ ހުށަހަޅުއްވާ ”މެގަޕްރޮޖެކްޓަކީ“ ވެސް ރައްޔިތުމީހާ މާލީގޮތުން މިނިވަންކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުން ލަދުވެތި ހާލަތަކަށް ވައްޓާލާފައިވާ ކަމަށާއި ރައްޔިތުމީހާއަށް އޭނާގެ ނިކަމެތިކަން އިހުސާސްވާ ވަރަށް ވަޒީފާ ދެމެހެއްޓުމަށް ނުވަތަ ހޯދުމަށް ވެސް ސަރުކާރު ހިންގާ ޕާޓީއަށް ބަރޯސާވާންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ވިހި ތިރީސް އަހަރު ވަންދެން ޓެކްނިކަލް ވަޒީފާތަކުގައި ތިބި ފަރާތްތަކަށް ވެސް ޕީއެންސީއަށް ވަންނަން މަޖުބޫރުކޮށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
”ރައްޔިތުން މިހާރު އުޅެމުންދާ ނިކަމެތިކަމުން ސަލާމަތްކޮށް ރައްޔިތުމީހާއަކީ މާލީގޮތުން މިނިވަން ބަޔަކަށް ހެދުމަކީ ބޮޑުބަދަލުގެ މައިގަނޑު އެއް މަގްސަދު،“ ފައްޔާޒު
މީގެ އިތުރުން، ވެރިކަމަށް އަންނަ މީހަކު މުޅި ނިޒާމު އެމީހެއްގެ މުށުތެރެއަށް ލައިގެން ބޭނުންހާ ގޮތަކަށް ކަންކަން ކުރާކުރުން ހުއްޓުވުމަކަށް ގެނައުމަކީވެސް ބޮޑު ބަދަލުގެ އެއް ބޭނުން ކަމުގައި ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ބޮޑު ބަދަލުގެ ހުށައެޅުމަށް ފުރިހަމައަށް ތާއީދުކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒުގެ ޑޯޓުޑޯ ހަރަކާތްތައް ފައްޓަވާފައިވާއިރު އޭނާ ވިދާޅުވީ، މިހާތަނަށް އައްޑޫސިޓީ އަދި ހުޅުދޫއިން ބައްދަލުވި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ވަރަށް ބައިވަރު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަށް މި ސަރުކާރުން ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުގެންދާކަމުގެ ކަންބޮޑުވުމާއި އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފަށާފައި ހުރި ރައްޔިތުންނަށް މުހިންމު އެތަކެއް މަޝްރޫއުތަކެއް މި ސަރުކާރުން ނުހިންގާ ހުއްޓުވާފައި ހުރިކަން ރައްޔިތުން ފާހަގަކުރިކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ ވާހަކަތަކުން އޭނާއަށް ފާހަގަކުރެވުނީ، ރައްޔިތުންގެ ނިކަމެތިކަން ކަމަށެވެ. އެގޮތުން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވުމާއި ޑޮލަރުގެ ތާށިކަން ބޮޑުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިއީ ރައްޔިތުންނާއި ގުޅިފައިވާ ބޮޑެތި މައްސަލަތައް ކަމަށެވެ. ހަމައެއާއެކު ރަށުތެރޭގައި އިގްތިސާދީގޮތުން އެއްވެސް ކަމެއް ނެތްކަން ފާހަގަކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
”ރަށުތެރޭގައި އިގްތިސާދީގޮތުން އެއްވެސް ކަމެއް ނެތް. ޕްރައިވެޓް ސެކްޓަރެއްނެތް. ވަޒީފާ މިއޮންނަނީ ސަރުކާރުންދޭ ވަޒީފާ. އަމިއްލަ މަސައްކަތްތެރިކަމެއް ނެތް. އެހެންވީމަ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ކައިގެން ބޮއެގެން އުޅުމާ ދޭތެރޭވެސް،“ ފައްޔާޒު
ފައްޔާޒުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވަނީ ބޭސްފަރުވާގެ ކަންކަމާއި އާސަންދައިގެ ހިދުމަތާއި މިފަދަ އެތަކެއް ހިދުމަތްތަކެއް ހޯދުމުގައި ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތަކަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން، އާމްދަނި ލިބުމުގައި ދަތިތައް ކުރިމަތިވެ މިއަދު މި ސަރުކާރާ މެދު ރައްޔިތުމީހާގެ ހިތްހަމަނުޖެހުން ވަރަށް ބޮޑުކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ ޑޯޓުޑޯ ހަރަކާތްތައް ފައްޓަވާފައިވާއިރު މި ހަރަކާތުގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތަކާއި އުންމީދުތައް ދެނެގަތުންކަމުގައި ފައްޔާޒު ވިދާޅުވިއެވެ. އަދި ޑޯޓުޑޯ ހަރަކާތުގެ އިތުރުންވެސް ވޯކްޝޮޕްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބޮޑުބަދަލުގެ ތެރެއިން ބައެއް ހިޔާލުތައް ރައްޔިތުންނާއި ހަމައަށް ގެންގޮސް މަޝްވަރާތަކެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން 2028 ވަނަ އަހަރުގެ ރިޔާސި ރޭހަށް އެމްޑީޕީން ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމަށް ބޭނުންވާ ހިޔާލުތަކާއި ވިސްނުމާއި ފިކުރުތައް އެ ހަރަކާތުގެ ތެރެއިން ގެނެވޭނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޮޑުބަދަލުގެ މަސައްކަތް ކާމިޔާބުކުރެވި އެމްޑީޕީގެ ސަރުކާރެއްގައި އޭނާގެ ހުށަހެޅުމަކީ އަމިއްލަ މިނިވަންކަމާއި އެކީ އާމްދަނި ހޯދާ މާލީ މިނިވަންކަންއޮތް ދަރަނީގެ ދަންތުރައިން ސަލާމަތްވެފައިވާ ރައްޔިތެއް ބިނާކުރުންކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

