ރާއްޖެއާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގުޅުން ފުޅާކުރުމަކީ ރާއްޖެއަށް ނުރައްކާވާނެ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށެވެ.
ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެކަމަށާއި، ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުންތައް އިތުރުވާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ރާއްޖެއަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
”ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ. ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް. ރާއްޖެއަށް ނުރައްކާވާނެ ކަމެއް،“
ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އަސްކަރީ ދާއިރާގެ ހިމެނޭހެން 20 ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ، މަތީ ތައުލީމާއި ދިރާސާ، މާލީ ދާއިރާ، ޓެކްނޮލޮޖީގެ ދާއިރާ އަދި ފަތުރުވެރިކަން ވެސް ހިމެނެއެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު ވަނީ އެމަނިކުފާނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.
އެ ދަތުރުފުޅަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އޭގެ ކުރިން އެ ގައުމަށް ވަޑައިގެންނެވި ރާއްޖޭގެ ރައީސަކީ 2015 ވަނަ އަހަރުގެ މެއި މަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

