ލޮކްޑައުންއާއި ގުޅިގެން މާލޭ ސިޓީގައި ތާށިވެފައިވާ އަތޮޅުތަކުގެ 2053 މިހާތަނަށް ކަރަންޓީނަށް ގެންދެވިފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ކޮވިޑް-19 އިގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރުމަށްޓަކައި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒުވަނީ އެކަން ޔަޤީންކޮށްދެއްވާފައެވެ.
މަބްރޫކް ވިދާޅުވީ، މާލޭ ސިޓީ ލޮކްޑައުންކުރުމާއި ގުޅިގެން، ރަށަށްނުދެވިފައި ތިބި މީހުންގެތެރެއިން، ޖުމްލަ 2053 މީހަކު މިހާތަނަށް ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކަށް ގެންދެވިފައިވާކަމަށެވެ.
މީގެ އިތުރުން ހަމައެކަނި މިއަދު ވެސް 115 މީހަކު ކަރަންޓީނަށް ފޮނުވާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
”މާލޭގެ ފުރަބަންދާއި ގުޅިގެން ތާށިވެފައިވާ މީހުން އަނބުރާ ރަށަށް ދިއުމަށް، ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ޖުމްލަ ގެންދެވިފައިވާ މީހުންގެ އަދަދަކީ، 2053. މިއަދު 115 މީހަކުވަނީ ގެންދެވިފަ. “ މަބްރޫކް
މަބްރޫކް ވިދާޅުވިގޮތުގައި އިތުރަށް ރަށަށްދާން އެދިފައިވާ ފަރާތްތައް ކަރަންޓީނުކުރުމުގެ ކަންތައްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށް ގެންދާނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ތިބި އަތޮޅުތަކުގެ މީހުން އަނބުރާ ރަށަށް ފޮނުވުމުގެކުރިން ސަރުކާރުން ކަރަންޓީނުކުރަން ނިންމާފައިވާ މި ނިންމުމުގައިވާގޮތުން، ކަރަންޓީނުކުރާ މީހާައަށް އެނބުރި ރަށަށްދެވޭނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތަކަށް ފަހުގައެވެ.

