މާލޭ ސިޓީ ލޮކްޑައުންއަށް ގެނެސްފައިވާ މި ދަނޑިވަޅުގައި، މާލޭ ސަރަހައްދުން 90 މީހަކަށް، ސަރުކާރުން ހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބުދަވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި، ކޮވިޑް-19 ޓާސްކު ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށުގައި މިހާރު 90 މީހުން އެބަތިބިކަމަށެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ އެހީތެރިކަމަށް އެދިފައިވާ 380 މީހަކަށް، ޖެންޑަރ މިނިސްޓްރީން ކާބޯތަކެތީގެ އެހީތެރިކަންވެސް ދީފައިވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
”ސޯޝަލް ކައުންސިލްގެތެރެއިން ކުރަމުން އަންނަ މަސައްކަތުގެތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދީފަ ތިިބި 90 މީހަކު އަޅުގަނޑުމެންނާއެކީ މި ވަގުތު އެބަތިބި. އަދި ކާބޯތަކެތި ފޯރުކޮށްދިން 380 މީހަކު، ކާބޯތަކެތިވަނީ 380 މީހަކަށް ފޯރުކޮށްދެވިފަ.“ މަބްރޫކް
ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގެ ޤައުމުތަކަށް މިވަނީ، އިޤުތިޞާދީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. މި ގޮތުން ދިވެހިރާއްޖެއަށް ވެސް މިދަނީ ފޫނުބެދޭވަރުގެ އެކިވަރުވަރުގެ ގެއްލުންތައް ލިބެމުންނެވެ. މި ގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ އެންމެ ބޮޑެތި ސިނާޢަތްތަކުގެތެރެއިން ފަތުރުވެރިކަން މިވަނީ އަޑިގަނޑެއްގެތެރޭގައެވެ. ގިނަ ރިސޯޓުތައް ބަންދުކޮށް، އެތައް މުވައްޒަފުންނެއް ވަނީ ނޯޕޭލީވްއަށް ވެސް ފޮނުވައިލާފައެވެ. އެހެންކަމުން ވެސް ގިނަބަޔަކަށް ވަނީ، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ނުފުދި މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

