ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން، އިތުރު 77 މީހަކު ރަނގަޅުވެފައިވާކަމަށް، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން ބުދަވިލޭރޭގެ ބައްދަލުވުމުގައި، ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، އިތުރު 77 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށާއި، ބަލިން ރަނގަޅުވި މީހުންގެ އަދަދު ޖުމްލަ 232 އަށް އިތުރުވެފައިވާ ކަމަށެެވެ.
ކޮވިޑް-19 އިން 77 މީހަކު ރަނގަޅުވެ، މުޅިއެކު 232 މީހަކު މިހާތަނަށް ރަނގަޅު ވެފައިވާއިރު، ހޯމަދުވަހުގެރޭ 22:00 އިން ފެށިގެން، ބުދަވިލޭރެއާއި ހަމައަށް ވަނީ ޖުމްލަ 43 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 1438 އަށް އިތުރުވެފައެވެ.

