މި ހިނގާ 2026 ވަނަ އަހަރަކީ ރާއްޖޭގެ މާލީ ތާރީޚުގައި ދިވެހި ރައްޔިތުން އުފުލަންޖެހިފައި އޮތް ބޮޑު ދަރަނީގެ ބުރައިން މިންޖުކުރުމަށް ދައުލަތުގެ ބަޖެޓުން ރެކޯޑް އަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއްގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުން ޒަރީރު ވިދާޅުވީ ދުނިޔޭގެ ބާޒާރަށް ކުރިމަތިވި ބޮޑު ހަނގުރާމައާއި އިޤްތިޞާދީ ގޮންޖެހުންތަކާ އެކުވެސް، ސަރުކާރުން ވަނީ ރާއްޖޭގެ ދަރަނި އަދާކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ކަށަވަރުކޮށްފައި ކަމަށެވެ.
ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހޭ ވަގުތު އައިސް ޖެހުނުއިރު، ސަރުކާރުން އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެ ހުށިޔާރުވެގެންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ ދަރަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ އަނބުރާ ދައްކައި ޚަލާޞްކޮށްފައެވެ. މި ދަރަނި އަދާކޮށްފައިވަނީ ދަރަނީގެ ދެމެހެއްޓެނިވިކަން ޔަޤީންކޮށް، ދައުލަތުން މިކަމަށްޓަކައި އިތުރު އެއްވެސް އައު ދަރަންޏެއް ނުނަގައެވެ.
މި އަހަރު ނިމޭއިރު ދަރަނި ދެއްކުމަށް ޖުމުލަ 11.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭއިރު، މިއީ ރާއްޖޭގެ މާލިއްޔާއިން ދަރަންޏަށް މިހާތަނަށް އެއް އަހަރެއްގެ ތެރޭގައި ހޭދަކުރާ އެންމެ ބޮޑު އަދަދެވެ. މި ދަރަނިތައް ދައްކައި ނިމުމުން، އަންނަ 2027 ވަނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ 4.5 ބިލިއަން ރުފިޔާއަށް ދަށްވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މިއީ މުސްތަޤުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި މި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ލިބި، ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ވަނީ މަތިކޮށްފައެވެ. މިއީ މާލީ ދާއިރާއިން ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
އިޤްތިޞާދީ ކުރިއެރުމުގައި 2025 ވަނަ އަހަރު ހޯދި ކާމިޔާބީއާއެކު، އެ އަހަރުގެ ޑިސެމްބަރު މަހު ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. އަދި 2026 ވަނަ އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހުގައިވެސް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ހުރީ އަންދާޒާކުރި މިންވަރަށްވުރެ ކުރިއަރާފައެވެ. ނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމެން ދަނިކޮށް ދުނިޔޭގެ އިޤްތިޞާދު ގުޑުވާލީ ކުއްލިއަކަށް ފެށުނު ބޮޑު ހަނގުރާމައަކުންނެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ތިންވަނަ ބޮޑު ޝޮކެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށާއި ދަތުރުފަތުރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ. އަދި ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވެ، އެއާލައިންތަކުގެ ދަތުރުތައް މަދުވާން ފެށިއެވެ.
މި ހަނގުރާމައިގެ ސީދާ އަސަރު ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެވެ. ޚާއްޞަކޮށް، ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން ދަތުރުކުރާ މެދުއިރުމަތީގެ ޓްރާންސިޓް ހަބްތަކަށް ބުރޫއެރުމުގެ ސަބަބުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަގުތީ ގޮތުން ދަށްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗު އަދި އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު، ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.6 އިންސައްތަ ދަށްވެފައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މި އަހަރަށް ކުރިން އަންދާޒާކުރި މިންވަރަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް މިހާރު ނުބެލެވުނު ނަމަވެސް، 2025 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޖުމުލަ އަދަދާ ގާތްކުރާ މިންވަރަކަށް، މި އަހަރު ނިމޭއިރު ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މިއީ ދުނިޔެއަށް ކުރިމަތިވި ބޮޑު ހަނގުރާމައާއި އިޤްތިޞާދީ ތަދުމަޑުކަމަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަން ވަރުގަދަކަން ހާމަކޮށްދޭ އަދި އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓިފައިވާ ކަމުގެ ހެއްކެކެވެ.

