ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި، ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި، ހުޅުމާލޭ ޖަލުން ނެގި ހުރިހައި ސާމްޕަލެއް ވެސް، ނެގެޓިވްވެއްޖެއެވެ.
ބުދަވިލޭރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު(އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، ހުޅުމާލޭ ޖަލުން ނެގުނު 30 ސާމްޕަލް ވެސް ނެގެޓިވްވެފައިވާކަމަށެވެ.
އެންއީއޯސީއާއި، މޯލްޑިވްްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ވޭތުވެދިޔަ ހޮނިހިރުދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި ޖުމްލަ 30 ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 15 މީހުންނަކީ ޤައިދީންކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން، އޮފިސަރުންނާއި، މުވައްޒަފުންގެތެރެއިން 10 މީހެއްގެ ސާމްޕަލް ނެގިފައިވާއިރު ޑިޓެއިނީސްގެ ގޮތުގައި ތިބި 05 ބިދޭސީއެއްގެ ސާމްޕަލް ވެސް ނަގާފައިވެއެވެ.
ހުޅުމާލޭ ޖަލުންނެގި ސާމްޕަލްތަކާއެކު، ޖަލުތަކުން މުޅއެކު ނަގާފިވަނީ 140 ސާމްޕަލެވެ. އެ ހުރިހައި ސާމްޕަލެއް ވެސްވަނީ ނެގެޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ، އައްސޭރި ޖަލުންނާއި، މާފުށީ ޖަލުންނާއި، މާލޭ ޖަލުން ސާމްޕަލް ނަގާފައިވެއެވެ.

