މާލީ އެހީތެރިކަންދިނުމުގެ ޕްރޮގްރާމުގެދަށުން، މި ވަގުތު ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީންް(އެންސްޕާ) މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ބުދަވިލޭރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ޢަޒީޒު ވިދާޅުވީ، މި ވަގުތު ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެންސްޕާ މެދުވެރިކޮށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށާއި، މިހާތަނަށް މުޅި ޖުމްލަ 845,000 ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.
މި ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 35 މީހަކަށް އެންްސްޕާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، މި ކަމަށް ވެސް ގާތްގަނޑަކަށް 298,000 ރުފިޔާ ހޭދަކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 140 މީހަކަށް ވެސް އެންސްޕާ މެދުވެރިކޮށް އެހީތެރިވެފައިވާކަމަށެވެ.
”ރާއްޖެއިން ބޭރުގަ މި ވަގުތުވެސް ތިބި ދިވެހިންނަށް އެކިގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެންސްޕާ މެދުވެރިކޮށް ސަރުކާރުން އެބަކުރަމުންދޭ. އެންސްޕާއިން އަޅުގަނޑުމެންނަށް ލިބިފަވާ މަޢުލޫމާތަކީ، އެންސްޕާގެ އެހީގަ ރާއްޖޭން ބޭރަށް ދަތުރުކޮށްފަވާ 35 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފަވާނެކަމަށް298,000 ލައްކަ، 298,000 ރުފިޔާ ގާތްގަނޑަކަށް މިކަމަށް ހޭދަކުރެވިފަވާކަމަށް. އަދި އެންސްޕާގެ އެހީއާއި ނުލާ އާންމު ހަމަ އެބޭފުޅުންގެ އަމިއްލަ ރާއްޖޭން ބޭރަށް ދަތުރުކޮށްފަވާ 140 މީހަކަށް ވެސް މި ވަގުތު އެހީތެރިކަން ފޯރުކޮށްދީފަވާކަމަށް. އެ ބޭފުޅުން މައުލޫމާތުދެއްވާ މިކަން މި ގޮތުން 845,000 ލައްކަ ރުފިޔާ ޚަރަދުކޮށްފަވޭ މި ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި.“ މަބްރޫކް
ކޮވިޑް-19 އާއި ގުޅިގެން ސަރުކާާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކި ޤައުމުތަކުގައި ތިބި ދިވެހިން ވެސް ވަނީ އަނބުރާ ރާއްޖެ ގެނެސްފައެވެ. މީގެ އިތުރުން ވެސް، ދައުލަތުގެ ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު ދައުލަތުގެ މުއައްސަސާތަކުންދަނީ، ރާާއްޖެއިން ބޭރުގައި ތިބި އިތުރު ދިވެހިން ވެސް ގެނައުމަށެވެ.

