ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އަންހެނަކަށް ވަޅިން ހަމަލާދިން ބިދޭސީ މީހާ 18 އަހަރަށް ޖަލަށްލައި 7 މިލިއަނުން ޖޫރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފިހާރައެއްގައި މަސައްކަތްކުރަމުން ދިޔަ ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ދައުވާ ލިބުނު ބަންގްލަދޭޝް ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 18 އަހަރަށް ޖަލަށްލުމާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން  ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި މީހަކާމެދު ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު މިއާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި މައްސަލައިގެ އަދަބެއްގެ ގޮތުން ކްރިމިނަލް ކޯޓުން އަސާސީ ގޮތެއްގައި ކަނޑައެޅީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމަށްފަހު، ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު އަދަބެކެވެ.

ޖަލު ހުކުމުގެ އިތުރުން، އޭނާ ހަތް މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިއީ މިފަދަ ނުރައްކާތެރި މާރާމާރީގެ މައްސަލައެއްގައި ފަހުގެ ތާރީހެއްގައި ބިދޭސީއެއްގެ މައްޗަށް މިހާ ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ކަނޑައެޅި މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ.

ހުޅުމާލޭގެ ފިހާރައެއްގެ ތެރޭގައި ހިނގި މި ހާދިސާގައި، ވަޅިން ހަމަލާދީފައިވަނީ އެ ފިހާރައިގައި ސޭޓަކަށް މަސައްކަތްކުރަމުން ދިޔަ ނޭޕާލް އަންހެން މީހާގެ ކަރަށެވެ. މި ހަމަލާއާ ގުޅިގެން ޒަހަމްވި އަންހެން މީހާއަށް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދީފައިވެއެވެ. ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ހޮސްޕިޓަލާ ހަވާލާދީ އޭރު މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަމަލާ ސީދާ އަމާޒުވީ ކަރަށް ކަމުގައި ވިޔަސް، އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ފުން ޒަހަމެއް ލިބިފައެއް ނުވެއެވެ.

މި މާރާމާރީ ހިންގުމަށްފަހު ހަމަލާދިން މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ފިލާފައެވެ. ނަމަވެސް ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، މާރާމާރީ ހިންގީ ޖަހަންގިރުކަން ދެނެގަނެ، އޭނާ ފިލައިގެން އުޅުނު ތަން ހޯދައި ހާދިސާ ހިނގިތާ 24 ގަޑިއިރު ނުވަނީސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެފަހުން މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ދައުލަތުން ވަނީ އޭނާގެ މައްޗަށް ނުރައްކާތެރި މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައާއި، ބިދޭސީން އިސްވެ ތިބެ ހިންގާ ނުރައްކާތެރި މާރާމާރީތަކާއި ކުށްތައް މީގެކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާފައިވެއެވެ. މިފަދަ ބޮޑެތި މާރާމާރީތަކާއި، މީހުން މެރުމުގެ ސީރިއަސް މައްސަލަތަކުގައި ތުހުމަތުކުރެވޭ ބިދޭސީންގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ހިންގައި، ގިނަ އަހަރުތަކުގެ ޖަލު ހުކުމްތައް މީގެކުރިންވެސް އިއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: