ލޮކްޑައުންގައި ލުއިތަކެއް ދިން ނަމަވެސް، ގިނަ މީހުން އެކީ ނިކުތުން މަދު ކުރަންޖެހޭ ކަމަށާއި ބޭރަށް ނިކުންނަ މީހާއަކީ ވެސް އެއީ ނުރައްކަލަށް ހުށަހެޅޭ މީހަކަށް ވެދާނެކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ލޮކްޑައުންއަށް ލުއިތަކެއް ދިނުމުގެ މާނައަކީ، ރާއްޖެއިން ކޮވިޑު ބަލި އެއްކޮށް ނެތިގެން ދިއުން ނޫންކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ މި ގޮތަށް ނިކުންނަ ނިކުތުމުގައި މީހާ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އެކަކު އަނެކަކާއި ބައްދަލު ކުރަން ބޭނުންވުމާއި، އާއިލާ އަދި ރައްޓެހިން ދެކިލުމަށް ބޭނުންވުމަކީ އެއީ މާހާ ބޮޑު ބަންދަކުން ދެވޭ ލުޔެއްގެ ތެރެއިން ތޮބިއްޔަތުގައި ވެސް ހުންނާނެ ކަމެއް ކަމަށެވެ.
ކޮވިޑުގެ ނުރައްކާ އަދިވެސް ބޮޑުކަމަށާއި، ރާއްޖޭގައި އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދުތައް ގިނައިރު ގޭގައި ތިބި އާއިލާގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިޔަށް އޮތް ތަނުގައި ވެސް ވިސްނަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ގޭތެރޭގައި ވެސް އުމުރުން ދުވަސް ވީ މީހުންނާއި، ކުޑަކުދިން ނުވަތަ ހައި ރިސްކު ކެޓަގަރީގެ މީހުން ބަލީން ރައްކާތެރިކުރުމަށް ފިޔަވަޅުތައް އެޅުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރައްވާފައެވެ.
އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދޭއިރު، ފުރަތަމަ ދެ ހަފްތާގައި ވެސް ލުއިތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ޑރ. ނަޒްލާ އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ މި ހާލަތުގައި ވަކި ހުއްދައެއްގެ ދަށުން މީހުންނަށް ބޭރަށް ދެވޭއިރު އެއްފަހަރާ ގިނަ މީހުން ނިކުތުން މަދު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވައްސަކީ މާދަމާއިން ފެށިގެން ދެ ހަފްތާ އެވެ. އަދި އޭގެ 14 ދުވަސްފަހުން ފޭޒް ދޭއްއަށް ދާނީ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ އަދި ކޭސްތަކަށް އިތުރު ނުވާނަމަ އެވެ.

