ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންދާޒާ ކުރި ވަރާއި ބަލާ ކޭސްތައް މަދު، އަދި ބަލީގައި އެޑްމިޓު ކުރަންޖެހުނު ރޭޓުވެސް ދަށް: ޑރ. ޝީނާ

ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ލަފާ ކުރި މިންވަރަށް ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑުތަނުން ދަށް ކަމަށާއި، ބަލީގައި އެޑްމިޓް ކުރަންޖެހޭ މީހުންވެސް ފާހަގަކުރެވޭ މީންވަރަށް ދަށްކަމަށް ކުރީގެ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަދި ކޮވިޑާއި ގުޅިގެން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑު ކޭސްތައް ދަށް ކުރެވުނީ ލޮކްޑައުންއާއި އެކު އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. ރާއްޖޭގައި ބަލި ފެތުރިދާނެ ކަމަށް އަންދާޒާ ކުރި އަދަދަށް ބަލި ފެތުރިފައިނުވާއިރު، ބަލީގައި އެޑްމިޓު ކުރަން ޖެހުނު މީހުންގެ އަދަދު ވެސް ފާހަގަކުރެވޭ މިންވަރަކުން ދަށް ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ، ގިނަ މީހުން ދިރިއުޅޭ ތަންތަނުގައި ބަލި ވަރަށް ބޮޑަށް ފެތުރިގެންދާނެ ކަމަށް ބެލެވުނު ކަމަށެވެ. އޭގެ ތެރޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ގެތައް ހިމެނޭއިރު ބިދޭސީންންގެ މެދުގައި ބަލި ފެތުރިޔަ ނުދިނުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ބިދޭސީން ދިރިއުޅޭ ކުޑަކުޑަ ކޮޓަރިތަކުން އެންޓި ބޮޑީ ޓެސްޓުކުރިއިރު އެ މީހުންގެ ގައިން އެންޓި ބޮޑީސް ފެނިފައިވާ ކަމަށް ޑރ ޝީނާ ވިދާޅުވިއެވެ. މޮނީޓަރިންގައި ހުރި އެގަތާއި ގުޅޭގޮތުން ޑރ. ޝީނާ ވިދާޅުވީ އޭގެ ސަބަބުން އެކަކު އަނކެއްގެ ގަޔަށް ބަލި ފެތުރުން ކުޑަ ކަމަށެވެ.

އެންޓި ބޮޑީ ޓެސްޓުތައް ހެދިއިރު، ބިދޭސީންގެ ތެރެއިން 75 އިބްސައްތަ މީހުންގެ ގައިގައި އެންޓި ބޮޑީސް ކުރިކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އެންޓި ބޮޑީސް ހުރި މީހެއްނަމަ އެއީ ބަލި ޖެހި ރަނގަޅުވެފައިވާ މީހެއްގެ ގޮތުގައި ބަލައެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އަކަށްވާއިރު އެ މީހުންގެ ފަރާތުން އިތުރު މީހުންނަށް ބަލި ޖެހުނުމުގެ ފުރުސަތެއް ނޯވެއެވެ.

”އެހެންވީމާ އެމީހުންގެ ފަރާތުން ބަލި އެހެންމީހުންނަށް ޖެއްސުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެން އެބަދޭ. އެ ގްރޫޕް ތެރޭގައި ބަލި ފެތުރޭ ނިސްބަތް 3.1 އަކުން 1.8 އަށް ތިރިވެފައިވާކަމަށް މިހާރު ބެލެވެނީ“ ޑރ. ޝީނާ

ކުރިޔަށް އޮތް ތަނުގައި ވެސް އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާ ޑރ. ޝީނާ ވިދާޅުވީ ލޮކްޑައުންގެ ލުއިތަކާއި ހަމައަށް ވެސް އާދެވުނީ ބަލި ފެތުރެ މިންވަރު ދަށްވަމުން ދާތީ ކަމަށެވެ.

ލޮކްޑައުންއަށް ފަހު ދިމާވެދާނެ ހާލަތަކަށް ވެސް ތައްޔާރުކަން ފާހަގަކުރައްވާ ޑރ. ޝީނާ ވިދާޅުވީ، ހައިރިސްކު ކެޓަގަރީތަކަށް ސަމާލުކަމެއް ދެވޭނެ ކަމަށެވެ. އަދި އާއިލާތަކުން ވެސް ކުޑަކުދިންނާއި އުމުރުން ދުވަސް ވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ މި މަސައްކަތާއިގެން ކުރިޔަށް ދާއިރު ރަނގަޅު ސިއްހީ ނިޒާމެއް ވެސް އޮންނަން ޖެހޭ ކަމަށެވެ. އަދި ވަސީލަތްތަކާއި އެކު އެކަމަށް ތައްޔާރުކަމުގައި ޑރ. ޝީނާ ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން ރާއްޖޭގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއިތަކެއް ގެނެވޭނެކަމަށް ހާމަކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެކަންތައް ކަމާއި ބެހޭ އިދާރާތްތަކުން އާއްމު ކުރަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ވަކި އުސޫލުތަކެއްގެ ދަށުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުޅުވާލުމާއި، ވިޔަފާރި ކުރުމުގައި ލުއިތަކެއް ދީ، އޮފީސްތައް މަޑުމަޑުން އޮޕަރޭޓު ކުރަން ފެށޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވަކި ތާރީހެއް ހާމައެއް ނުކުރައްވައެވެ.

އެއަށްފަހު މަހަކަށް ވުރެ ގިނަ ދުވަސްފަހުން، ކޮވިޑާއި ގުޅިގެން ލޮކްޑައުންގައި ނުވަތަ މޮނީޓަރިންގައި ނެތް ރަށްތަކުގައި ވަނީ މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.

ލޮކްޑައުންއަށް ލުއިތަކެއް ގެންނައުމުގެ ވާހަކަތައް ދެކެވޭއިރު، މިހާރު ތަންފީޒު ކުރަމުންދާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތު ހަމަވާން އޮތީ މާދަމާއަށެވެ. ބައެއް ފަރާތަކުން ވަނީ މާލޭގެ ލޮކްޑައުން އުވާލުން އަދި މާ އަވަސްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ ނެތް ރަށްތައް ހުޅުވާލުމުގެ ގޯހެއް ނެތްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިން އެޅީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. ކޮވިޑުގެ ނުރައްކާ އޮތް މިންވަރު ކުޑަވެފައި ނުވާއިރު އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއަށް ދެނީ ލުއިތަކެއް ކަމަށެވެ. އަދި އަބަދު ލޮކްޑައުންއެއްގައި ނުބޭއްވޭނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މާލެއިން މިހާރު ބައްޔަށް ޕޮޒިޓިވްވަމުން ދަނީ ދުވާލަކަށް 50 އެއްހާ މީހުން ކަމަށެވެ. އަދި މިއަދަދަކީ ބޮޑު އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: