ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަނީ ހައްސާސް ދަނޑިވަޅެއްގައި: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ނަސްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ވަރަށް ހައްސާސް އަދި ނާޒުކު ދަނޑިވަޅެއްގައި ކަމަށް، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 38 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ”އެކްސް“ ގައި ހިއްސާކުރެއްވި މެސެޖެއްގައި ފައްޔާޒު ވަނީ، މިވަގުތު ގައުމުގެ ސިޔާސީ އަދި އިގުތިސާދީ މިސްރާބު ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ، ރާއްޖޭގެ މުސްތަގުބަލާ މެދު މިއަދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، ގައުމުގެ ހާލަތު މިފަދަ ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި، މިއަދު އާކުރަން ޖެހެނީ ދިވެހި ފަސްގަނޑުގެ ދިފާއުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިތްވަރާއެކު ނުކުމެވަޑައިގެންނެވި ގައުމީ ބަތޮލުން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ ކަމަށެވެ. އެ ދުވަހު ގައުމަށް ކުރިމަތިވި ބިރުވެރި ވަގުތުގައި، ދިވެހި ސިފައިންނާއި ރައްޔިތުން ދެއްކެވި ސާބިތުކަމާއި ގައުމީ ލޯތްބަކީ އަބަދުވެސް އިބުރަތް ހާސިލުކުރަންޖެހޭ ކަންކަން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އެ ދުވަހު ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމަށްޓަކައި އެއްވެސް ޖެހިލުމެއްނެތި ފުރާނައިން ގުރުބާންވި ހުރިހާ މާތް ޝަހީދުންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ފައްޔާޒު ވަނީ އިޚްލާސްތެރި ދުއާއެއް ދަންނަވާފައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހި ޚާއިނުންގެ މަދު ބަޔަކު، ސްރީލަންކާގެ ޕްލޮޓް (ޕީއެލްއޯޓީ) ޖަމާއަތުގެ ކުލީ ސިފައިންނާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށްޓަކައި މާލެއަށް އަރައި ދިން ނިރުބަވެރި ހަމަލާއިން ގައުމު ސަލާމަތްވި ތާރީޚީ ދުވަހެވެ. އެ ހަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި އާންމު ރައްޔިތުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. މި ހަމަލާ ނާކާމިޔާބުކޮށްލައި، ގައުމަށް ލިބުނު ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: