ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު، ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނާ އިސްތިގްބާލުކުރެއްވީ، ދިފާއީ އަދި ވަތަނީ ހިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
މިއަދުގެ ހަރަކާތްތައް ރަސްމީ ގޮތުން ފެށުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އެއަށްފަހު އޮތީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ އަސްކަރީ ހުށަހެޅުމެއް ދައްކާލުމެވެ. އެ ހުށަހެޅުމުގައި ސިފައިން ވަނީ އޮޕަރޭޝަންތައް ހިންގުމުގައި ހުރި އަސްކަރީ ގާބިލުކަން ދައްކާލައިފައެވެ.
މި އަސްކަރީ ހުށަހެޅުމަށްފަހު، ކުރިޔަށް ދިޔައީ ސިފައިންގެ މިލިޓަރީ ބޭންޑުން ތައްޔާރުކޮށްފައިވާ ހުށަހެޅުމެކެވެ. މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން މިއަދު ކުރިޔަށްދިޔަ އަސްކަރީ ހަރަކާތުގެ ބައިވެރިންނާއެކު ނެގި ފޮޓޯއެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދާއި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، އައްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ. އެ ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން ވެސް ޖުމްހޫރީ މައިދާން ސަރަހައްދަށް ގޮސްފައިވެއެވެ.

