ކުދި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް މިހާރު ވަރަށް ރަނގަޅަށް ސާފުވެފައިވާ ކަމަށާއި، ދެން އޮތީ ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި އެ ގޮންޖެހުންތަކަށް އަމަލީ ގޮތުން ފިޔަވަޅު އަޅައި ނަތީޖާ ނެރުން ކަމަށް ހަރީޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިރުތިޝާމް މިހެން ވިދާޅުވީ، އެންޓީގާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މި މަހުގެ 1 އިން 4 އަށް ކުރިއަށްދާ 28 ވަނަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވަނީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ މެންބަރުން ހިއްސާވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް އިޖާބަދޭ ކުރިއަރާފައިވާ ޖަމާއަތަކަށް ވެގެން ކަމަށްވެސް ވިދާޅުވިއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދީ ދެމެހެއްޓެނިވިކަމާއި ދިފާއީ ބާރު ވަރުގަދަކުރުމަށް މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ކޮމަންވެލްތުން އަދާކުރާ ދައުރުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މިހާރުގެ ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުން އަވަސްކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ގައުމުގެ ސައިޒަށާއި ގާބިލުކަމަށް ބެލުމެއްނެތި، ކޮމަންވެލްތުގެ ނިންމުންތައް ނިންމުމުގައްޔާއި، އިސް ދައުރުތައް ހަވާލުކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމަށް މިނިސްޓަރު އިރުތިޝާމް ގޮވާލެއްވިއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ހުރިހާ ގައުމުތަކެއްގެ ފައިދާއަށް ޓަކައި އެ ޖަމާއަތާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

