ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
މި ކަން ބަޔާންކޮށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޖާބިރު މިއަދު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އަދި މުޅި މާލޭ ސިޓީ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި ސަރުކާރަށް ގޮންޖައްސަވައި، މަޖިލީހުގެ އިދާރާގައި ޖަލްސާތައް ބާއްވަން ފެށުމަކީ، ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ، މަޖިލިސް މެންބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް، ރައީސް ނަޝީދު ހިންގެވި ޖަރީމާއެއްކަމަށެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ، މަޖިލިހުގެ އެއްބާރުލުން ސަރުކާރަށް އެންމެ ލިބެންޖެހޭ ދަނޑިވަޅުގައި 19 ވަނަ ރައްޔިތުންގެ މަޖިލިސް، ރައީސް ނަޝީދު ހިންގަވަމުން އެ ގެންދަވަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައިކަމަށެވެ.
މި ގޮތުން، ނަޝީދުގެ އަމަލުފުޅުތައްހުރި ގޮތުން، ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ނެތްކަމަށް ވިދާޅުވެ، މި ވަގުތުން މިވަގުތަށް އިސްތިއުފާ ދެއްވުމަށް ޖާބިރުވަނީ ގޮވާލައްވާފައެވެ.

