ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ގޮތުން މަދުކުރުމަށް މޯލްޑިވްސް ގޭސް ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން މިއަދު އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބަދަލަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުން ފެށިގެންނެވެ.
މި ނިންމުމާއެކު، އާންމުކޮށް ގޭބިސީތަކުގައްޔާއި ވިޔަފާރިތަކުގައި ބޭނުންކުރާ އެކި ސައިޒުގެ ގޭސް ފުޅިތަކަށް އަޅައިދޭ ބަރުދަނަށް ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އެ ކުންފުނިން ގެންނަ ބަދަލުތަކުގެ ތަފްސީލަކީ:
- 10 ކިލޯގެ ފުޅި: ދެން އަޅައިދެވޭނީ 7 ކިލޯގެ ގޭހެވެ.
- 22 ކިލޯގެ ފުޅި: ދެން އަޅައިދެވޭނީ 14 ކިލޯގެ ގޭހެވެ.
- 45 ކިލޯގެ ފުޅި: ދެން އަޅައިދެވޭނީ 31 ކިލޯގެ ގޭހެވެ.
އަގު ކަނޑައެޅުމާއި ވިއްކުމުގެ އުސޫލު
ފުޅިތަކަށް އަޅައިދޭ ގޭހުގެ މިންވަރު މަދުކުރި ނަމަވެސް، ގޭހުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މޯލްޑިވްސް ގޭހުން ވަނީ ކަށަވަރުކޮށްދީފައެވެ. ކަސްޓަމަރުންގެ އަތުން އަގު ނަގަމުންދާނީ މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން، ކޮންމެ ފުޅިއަކަށް ވެސް އެޅޭ ގޭހުގެ ހަގީގީ ބަރުދަނަށް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން ގޭސް ފުޅިއަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ، އޭގައި ހިމެނޭ ގޭހުގެ މިންވަރާ އެއްވަރަށް ދަށްވާނެއެވެ.
މޯލްޑިވްސް ގޭހުން ފާހަގަކުރި ގޮތުގައި މިއީ ހާލަތުގެ ގޮތުން އެޅި ވަގުތީ ފިޔަވަޅެކެވެ. ރާއްޖެއަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އެއްފަހަރާ ތިން މަސްދުވަހަށް ބޭނުންވާ މިންވަރަށް ގޭސް އެތެރެކޮށް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން، ރާއްޖެއަށް ގޭސް އެތެރެކުރުމުގައްޔާއި ސްޓޮކް ދެމެހެއްޓުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ބައިނަލްއަގުވާމީ ދަތުރުފަތުރާއި ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކާ ގުޅިގެން މީގެ ކުރިން މާޗު 15 ވަނަ ދުވަހު ވެސް މޯލްޑިވްސް ގޭހުން ވަނީ ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މަދުކޮށް، ގޭސް ވިއްކުން ވަކި މިންވަރަކަށް ކޮންޓްރޯލްކޮށްފައެވެ.

