ކ. ދިއްފުށިފަޅު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުން ބާޠިލުކުރި މައްސަލައިގައި، ދަށު ކޯޓުން ދައުލަތާ އެއްކޮޅަށް ނިންމި ނިންމުން ބާޠިލުކޮށް ހައިކޯޓުން ޙާމިދު އިސްމާޢީލާ އެއްކޮޅަށް ޙުކުމްކޮށްފިއެވެ.
މި މައްސަލައިގެ އަސްލު ގުޅިފައިވަނީ 2008 ވަނަ އަހަރު ކ. ކާށިދުއްފަރު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދައުލަތާއި އަމިއްލަ ފަރާތަކާ ދެމެދު 25 އަހަރުގެ މުއްދަތަށް ވެވުނު ކުލީގެ އެއްބަސްވުމާއެވެ. ފަހުން މި އެއްބަސްވުމުގެ ހުރިހާ ޙައްޤުތަކާއި އިލްތިޒާމުތައް ޤާނޫނީ ހަމަތަކުގެ މަތިން ޙާމިދު އިސްމާޢީލަށް ބަދަލުކުރެވުނެވެ. އެއަށްފަހު، 2012 ވަނަ އަހަރު އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރި ތަން ކ. ދިއްފުށިފަޅަށް ބަދަލުކުރެވުނެވެ.
ދިއްފުށިފަޅަށް ތަން ބަދަލުކުރުމަށްފަހު، 19 ފެބްރުއަރީ 2015 ގައި ދައުލަތާއި ޙާމިދު އިސްމާޢީލާ ދެމެދު ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށް ”އެމެންޑެޑް އެންޑް ރީސްޓޭޓެޑް“ ކުލީގެ އެއްބަސްވުމެއް އެކުލަވާލައި ސޮއިކޮށްފައެވެ. ނަމަވެސް، 2008 ގެ ކުރީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކާ ކަމަށް ބުނެ، 19 ޖޫން 2017 ގައި ދައުލަތުން ވަނީ އެއްބަސްވުން ބާޠިލުކުރިކަމުގެ ނޯޓިސް ފޮނުވައި، އެ ފަޅު އެހެން ކުންފުންޏަކަށް ކުއްޔަށް ދީފައެވެ.
ސިވިލް ކޯޓުގެ ނިންމުން
މި މައްސަލަ ޙާމިދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމީ 2015 ގައި ވެވުނު އެއްބަސްވުމަކީ މުޅިން އައު އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ 2008 ގެ އެއްބަސްވުމަށް ގެނައި އިޞްލާޙެއް ކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން މުއްދަތު އިތުރުކުރުމަށް ފުރިހަމަކުރަންޖެހޭ ޝަރުޠުތަކާއި ދައްކަންޖެހޭ ފީ ދައްކާފައިނުވާތީ، 2015 ގެ އެއްބަސްވުމަކީ އުފެދުނީއްސުރެ ބާޠިލު އެއްބަސްވުމެއް ކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.
މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން، 2008 ގެ އެއްބަސްވުމުގެ ދަށުން ދައުލަތުން ފޮނުވި ޓާމިނޭޝަން ނޯޓިސްއަކީ ޞައްޙަ ނޯޓިސްއެއް ކަމަށް ބަލައި ދަށު ކޯޓުން ވަނީ ދައުލަތާ އެއްކޮޅަށް ޙުކުމްކޮށްފައެވެ.
އިސްތިއުނާފާއި ޤާނޫނީ ބަހުސް
ސިވިލް ކޯޓުގެ މި ނިންމުން ޙާމިދު އިސްމާޢީލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ޝަރީޢަތުގެ މައިގަނޑު ބަހުސަކަށްވީ 2015 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ޤާނޫނީ ޙައިޘިއްޔަތެވެ. ޙާމިދު އިސްމާޢީލްގެ ފަރާތުން ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި، 2015 ގެ އެއްބަސްވުމަކީ ހަމައެކަނި ކުރީގެ އެއްބަސްވުމަށް ގެނައި އިޞްލާޙެއް ނޫނެވެ. އެއީ ކުރީގެ އެންމެހައި އެއްބަސްވުންތަކާއި ޒިންމާތައް އުވާލައި، ދެފަރާތުގެ ރުހުމާއެކު އަލުން އެކުލަވާލި ”ނޮވޭޝަން“ އެކެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އާންމު ހަމަތަކަށް ބަލާއިރު، ނޮވޭޝަނެއް ޤާއިމުވުމުން ކުރީގެ އެއްބަސްވުމާއި އޭގެ ދަށުން އުފެދިފައިވާ އެންމެހައި ޙައްޤުތަކާއި އިލްތިޒާމުތައް މުޅިން ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން، ކުރީގެ އެއްބަސްވުމެއްގެ ދަށުން އަދާނުކޮށް އޮތް ކަމަށް ބުނާ ކަންކަމުގެ މައްޗަށް ބިނާކޮށް އައު އެއްބަސްވުން ބާޠިލުނުކުރެވޭނެ ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދައުލަތުން އަމިއްލައަށް އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުމެއް، ފަހުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ދައުލަތަށް އަމިއްލައަށް ބާޠިލު ނުކުރެވޭނެ ކަމުގެ ޤާނޫނީ އުޞޫލަށްވެސް އިސްތިއުނާފީ ނުކުތާތަކުގައި ބާރުއަޅާފައިވެއެވެ.
ހައިކޯޓުގެ ނިން
ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ، ދަށު ކޯޓުން ދައުލަތާ އެއްކޮޅަށް ކުރި ޙުކުމް ބާޠިލުކުރުމަށެވެ. ހައިކޯޓުގެ މި ނިންމުމުން ސާފުކޮށްދެނީ، އެއްބަސްވުމެއްގެ ތަބީޢަތް އޮޅުވާލައި، ދައުލަތުން އަމިއްލައަށް އެއްބަސްވެ ސޮއިކުރި ލިޔުމެއްގެ ޙަޤީޤަތް ބަދަލުކޮށްގެން އަމިއްލަ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ނުގެނެވޭނެ ކަމެވެ.

