އައު އުފެއްދުންތައް ބާޒާރަށްނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ކަން ހާމަކޮށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ،
ދުރުރާސްތާގެ އިޤްތިސާދީ ތަރައްޤީގެ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި، ރާއްޖޭގެ އިޤްތިސާދު އެއް ސިނާޢަތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ، މި ސަރުކާރުގެ ނޫ އިޤްތިސާދު ސިޔާސަތުގެ ދަށުން ޚާއްސަ ސަމާލުކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކެއްކަމަށެވެ.
މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމާއެކު، އެ ކޯޕަރޭޝަނާއި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުންގުޅިގެން، އައު އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ.
މި ޕްރޮގުރާމުގެ މައިގަނޑު މަޤްސަދުގެތެރޭގައި،
ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް، ރާއްޖޭގައި އުފެއްދުން ހިމެނެއެވެ.
އަދި ބައިނަލްއަޤްވާމީ ބާޒާރަށާއި، އެފަދަ މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި، ބްރޭންޑިންގ ފަދަ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޖޮއިންޓް-ވެންޗަރ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށް ވެސް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ.
ހަމައެއާއެކު ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި ފަންތިއާއި، މެދުފަންތީގެ ވިޔަފާރިތައް ވުޖޫދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ ބޭރުކުރުމަށް މަގު ތަނަވަސްކޮށްދިނުމަކީ ވެސް އަމާޒެއްކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހާމަކުރިގޮތުގައި، މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވުމަށް ޖޫންމަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި ލިންކް(https://form.jotform.com/201366030096043) ގައިވާ ފޯމް ފުރުއްވާ، ނަން ނޯޓުކުރަން ޖެހޭނެއެވެ.

