މެންހެޓަން ގްރޭންޑް ހޮޓެލްގެ ނަމުގައި ހުޅުމާލޭގައި ފަސް ތަރީގެ ހޮޓަލެއް ހުޅުވައިފިއެވެ.
ފަސް ތަރީގެ އެ ހޮޓަލަކީ މާލޭ ސަރަހައްދުގައި މިހާރު ހިންގާ އެންމެ ބޮޑު އެއް ހޮޓަލެވެ. 162 ކޮޓަރި ހުންނަ އެ ހޮޓެލް ހިންގަނީ ހުޅުމާލޭ ފިތުރޯނު މަގުގައި، ހުޅުމާލެ އެއްވަނަ ފިޔަވަހި ނިމޭ ހިސާބުގައި މީގެ ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ހިންގަން އެޅި އިމާރާތުގައެވެ.
ރާއްޖޭގެ ސަގާފަތާއި ފަންނުވެރިކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އެ ހޮޓެލް ހުޅުވައިދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިނޭން މިނިސްޓަރު ހަސަން ޒަރީރެވެ.
މެންހެޓަން ގްރޭންޑަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ ފުރިހަމަ ހޮޓަލެކެވެ. މިއީ ވިޔަފާރި ދަތުރުވެރިންނާއި، ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އިތުރުން އާއިލާތަކަށްވެސް އެންމެ އެކަށީގެންވާ ފެންވަރަށް ހިދުމަތްތައް ބައްޓަންކުރެވިގެން ތަރައްގީކޮށްފައިވާ ތަނެކެވެ.
އެތަނުގައި ހިމެނޭ ވަސީލަތްތައް:
- މުއްސަނދި އަދި ޒަމާނީ ޑިޒައިންތަކާއެކު ތައްޔާރުކުރެވިފައިވާ ތަނަވަސް ކޮޓަރިތަކާއި ސުއިޓްތައް
- ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް އެކުލެވޭ ރެސްޓޯރެންޓާއި ކެފޭގެ ހިދުމަތް
- ކޯޕަރޭޓް ބައްދަލުވުންތަކާއި، ހާއްސަ ހަފްލާތައް ބޭއްވޭނެ އެންމެ ފަހުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ހޯލްތައް
- ޖިމް އަދި ރިލެކްސްކޮށްލުމަށް ހާއްސަ އެކި ވަސީލަތްތައް
މެންހެޓަން ގްރޭންޑްގެ މެނޭޖްމަންޓުން މައުލޫމާތު ދޭ ގޮތުގައި، އެތަނުގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް (ހޮސްޕިޓަލިޓީ) ފޯރުކޮށްދިނުމާއި، ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމެވެ. އެ ހޮޓާ ހުޅުވުމާ ގުޅިގެން ހާއްސަ އޮފަރތަކަކާއެކު ބުކިންގ ހެދުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި މެންހެޓަން ގްރޭންޑް ހޮޓެލް ތަރައްގީކުރަން ދުބާއީގެ ”ޑީޕް ސީ ފުޑް ކޮމްޕެނީ“ގެ ދަށުން ”ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް“ ކިޔާ ފޮރިން އިންވެސްޓްމެންޓް ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20ވަނަ ދުވަހެވެ. އޭގެ ކުރިން އެތަން އޮތީ އެސްޓީއޯގެ ބެލުމުގެ ދަށުގައެވެ.
މީގެ ކުރިން، 2012 ވަނަ އަހަރު އެސްޓީއޯއިން ސިޓީ ހޮޓަލެއް ގާއިމްކުރަން ބިނާކުރަން ފެށި އެ އިމާރާތުގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވަންދެން އޮތީ ފަޅަށެވެ. އޭރު އެތަން ހިންގަން ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ ”ރެޑިސަން ބްލޫ“ގެ ދަށުންނެވެ.
އެސްޓީއޯއިން ހިންގަން މަސައްކަތްކުރި ހޮޓެލް މިހާރު ވަނީ އެޗްޑީސީއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ހުޅުމާލެ 2 ގެ ބިމަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަދަލުކޮށްފައެވެ.

