ވެރިކަމަށް އަންނަ ކޮންމެ މީހަކު، ރާއްޖެއަކީ އެމީހެއްގެ އަމިއްލަ މުދާގަނޑެއްގެ ގޮތުގައި ދެކި، ބޭނުންހާ ގޮތަކަށް ގައުމުގެ ކަންކަން އަނބުރާލިޔަ ނުދިނުމަށްޓަކައި ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަންޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ފައްޔާޒް މިވަގުތު ހުރީ ހއ. އަތޮޅުގަ އެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި، ރަސްމީކޮށް ކެމްޕެއިން ލޯންޗު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ފައްޔާޒް ވަނީ ބޮޑު ބަދަލުގެ ޕްރެޒެންޓޭޝަން ހުށަހަޅައި، ގެންނަން ބޭނުންވާ ބަދަލުތަކާއި ސިޔާސަތުތަކުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.
މި ވޯކްޝޮޕްގައި ބައިވެރިންނާއި ވާހަކަ ދައްކަވަމުން ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، 2008 ވަނަ އަހަރު ވުޖޫދުވި ފެހި ޤާނޫނުއަސާސީއާއެކު ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބި، މަޝްވަރާކުރުމުގެ ޖާގަ ފަހިވެގެންދިޔައެވެ. ނަމަވެސް، ވެރިކަމަށް އަންނަ ބައެއްގެ ވިސްނުން ހުންނަ ގޮތުން، ޤާނޫނުއަސާސީގެ އަސްލު މަފްހޫމްތައް ފަހަތަށް ޖައްސާލައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ޑިމޮކްރެސީއާ ބީރައްޓެހި ގޮތްގޮތަށް ގާނޫނުތައް ބަދަލުކުރަމުންދިއުން އާންމުވެފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ދިވެހިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް، ގައުމަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދަނީ ވެރިކަމަށް އަންނަ ނާގާބިލު ވެރިންގެ ސަބަބުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިއުން އަމާޒުކުރައްވައި ވިދާޅުވީ ހިނގަމުން މިދާ ދައުރަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ވެރިކަން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ވަނީ 20 އަހަރު ފަހަތަށް ޖައްސާލާފައިކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ތިންބާރު ވަކިވެފައިވާ ނިޒާމެއް ރާއްޖެއަށް ގެނައީ ވެރިމީހާ ހިފެހެއްޓުމަށް ކަމަށްވީ ނަމަވެސް، މިއަދު އެ ނިޒާމު ވަނީ ފެއިލްވެފަ އެވެ. ރައްޔިތުންގެ މަޖިލީހަކީ ވެރިމީހާ ގޯސްކޮށް ކަންކަން ކުރާނަމަ އެކަން ހުއްޓުވަން އޮތް ތަނަކަށް ވިޔަސް، ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން، މަޖިލިސް ވެގެންދަނީ ވެރިމީހާގެ ބާރު ދިފާއުކުރާ ތަނައްކަން ފާހަގަކުރައްވައި ފައްޔާޒް އިތުރަށް ވިދާޅުވީ ވަކިން ހާއްސަކޮށް، ޕީއެންސީގެ ސަރުކާރު އައި ފަހުން މަޖިލީހުގައި ރައްޔިތުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފެންނަނީ މަޖިލީހުގައި އެއްކޮށް ތަޅުއެޅުވި، ސަރުކާރުން އަންގާ ކަމެއް ވަގުތުން ވަގުތަށް ނިންމާލާ ތަން ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ސަރުކާރާއި މަޖިލިސް ފެއިލްވާ ހާލަތްތަކުގައި ރައްޔިތުންގެ ހައްގުތއް ހިމާޔަތްކުރަން އޮތް އެންމެ ފަހުގެ ރައްކަލަކީ ސުޕްރީމް ކޯޓު ކަމަށްވާއިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ނުފޫޒު ފޯރުވައި، މަދު ގަޑިއިރެއްގެ ތެރޭގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން ވަކިކޮށްލާފައިވާކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ މިކަމުގެ ސަބަބުން ސުޕްރީމް ކޯޓުގެ މިނިވަންކަން ގެއްލި، މިހާރު އޮތް ނިޒާމުގެ ތެރެއިން އެއްވެސް ރައްކާތެރިކަމެއް ނެތްކަން ހާމަވާކަމަށެވެ.
މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ”ބޮޑު ބަދަލު“ މުހިންމުކަމަށް އިޝާރާތް ކުރައްވައި ފައްޔާޒް ވަނީ ދައުލަތާއި ސަރުކާރު ވަކިކުރަން ޖެހެނީ މި ސަބަބާއި ހުރެކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ވެރިޔާ އަދި ސަރުކާރުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވުމުން، އޭނާއަށް މާބޮޑު ހައިބަތެއް ލިބި ”ފުފިގެން“ ދެއެވެ. އެހެންކަމުން ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކޮށްލުމުން، ނަފްސާނީ ގޮތުންވެސް ވެރިމީހާގެ ކިބައިގައި އޮންނަ މާބޮޑު ބާރާއި ހައިބަތު ކުޑަވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
މި ހުށަހެޅުންތަކަކީ ބަރުލަމާނީ ނިޒާމުގެ ސިފަތައްކަމަށް ނުވަތަ އެހެން ނަމެއްގައި ރާއްޖެއަށް އެ ނިޒާމު ގެންނަން މަސައްކަތް ކުރާކަމަށް އަމާޒުވާ ވާހަކައިގެ ރައްދުގައި ފައްޔާޒް ވިދާޅުވީ ސަރުކާރު ހިންގާ ވެރިޔާ ހޮވާނީ މިހާރު ވެސް އަމަލު ކުރާ އުސޫލާއި އެއްގޮތަށް ރައްޔިތުންގެ ސީދާ ވޯޓުން 50 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދައިގެން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ރާއްޖެއަކީ އެހެން ގައުމުތައް އިސްތިއުމާރު ކުރަން އުޅޭ ބަޔަކަށް ނުވާތީ، ފެނުމުން އިސްދަށަށް ޖަހަންޖެހޭ ވަރުގެ ބޮޑު ހައިބަތެއް އޮތް ވެރިއަކު ރައްޔިތުންނަށް ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ދިވެހިންނަށް މިއަދު ބޭނުންވަނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހުރެ، ރައްޔިތުންނާ އެއްކޮށް އިށީނދެގެން މައްސަލަތަކަށް ހައްލު ހޯދައިދޭނެ ސަރުކާރެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހައިބަތު ކުޑަކުރަން އެބަޖެހޭ. ވެރިއަކަށް އަންނަ މީހަކު މި ރާއްޖޭގަ އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތް ކުރާނެ މީހެއް އަޅުގަނޑުމެންނަކީ ގޮސް އިސްތިއުމާރީ ވިސްނުމެއްގައި އެހެން ގައުމުތައް ހިފާނެ ބައެއް ނޫން އެހެންވެއްޖިއްޔާ މާވަރުގަދަ ވެރިއަކު އަޅުގަނޑުމެންނަކަށް ބޭނުމެއް ނުވޭ، މިމާ ވަރުގަދަ ވެރިއެކޭ އަޅުގަނޑު މިދަންނަވަނީ، އެހައިބަތާ އަޅުގަނޑުމެން އެއެ ފެނުނީމަ އިސްދަށަށް ޖަހާ އެފެންވަރުގެ ވެރިއަކު އަޅުގަނޑުމެން ބޭނުމެއް ނޫން، އަޅުގަނޑުމެންނަށް ބޭނުންވަނީ ރައްޔިތުންނާއެއްކޮށް އިށީނދެ އިނދެ ދިމާވާ މައްސަލަ ތަކަށް ހައްލު ގެނެސްދޭނެ ސަރުކާރެއް
ފައްޔާޒް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދުމަށްޓަކައި ރައްޔިތުންނަށް މަޖުބޫރުކުރުވުމާއި، ވަޒީފާގެ ބިރުދެއްކުމާއި، އަދި ރިޝްވަތުގެ ހުތުރު ވަސީލަތްތައް ބޭނުންކުރަމުންދާ ކަމީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި ނުލަފާ ވެރިއަކު ވެރިކަމަށް އަތުވެއްޖެނަމަ، އެފަދަ ނުރަނގަޅު އުކުޅުތަކުން މަޖިލިސް އެއްކޮށް ކޮންޓްރޯލްކޮށް، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް ފުރުސަތު ފަހިވެގެންދާކަމަށް ވަނީ ވިދާޅުވެފަ އެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އަބަދުވެސް ޑިމޮކްރެސީގެ އަސާސީ މަފްހޫމްތައް ހިފެހެއްޓުމަށް އިސްކަންދޭ ކަމަށާއި، ކޮންމެ ކަމެއްގައި މަޖިލިސް މެންބަރުން ބޭނުންހާ ގޮތެއް ހެދުމަށް އެ ޕާޓީން ޖާގަ ނުދޭ ކަމަށެވެ. އެހެންނަމަވެސް، މިހާރުގެ ވެރިކަމުގެ ނިޒާމު ބައްޓަންވެފައިވާ ގޮތުން ވެރިމީހާ ބޭނުންވާ ގޮތަކަށް ކަންކަން އަނބުރާލުމުގެ ފުރުސަތު އޮތުމަކީ ނިޒާމީ ބޮޑު މައްސަލައެއް ކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ގެނެވޭނީ ގާނޫނުއަސާސީން ވެރިމީހާގެ ބާރުތައް ވަކި މިންވަރެއްގައި ހިފަހައްޓައިގެންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ހައްލު ”ބޮޑު ބަދަލު“ އިން ގެނެވޭނެ ކަމަށެވެ.

