ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދިނުމުގެ މުޤާބިލުގައި ސީއެސްއާރު މަޝްރޫޢެއް ހިންގުމަށް ވެވުނު އެއްބަސްވުމަކާ ދައުލަތުން ޚިލާފުވި ކަމަށް ބުނެ، މުޙައްމަދު ޒަކީގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާކޮށް ގެއްލުމުގެ ބަދަލު ހޯދަން އެދުނު މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
ސިވިލް ކޯޓުން މީގެ ކުރިން ނިންމާފައިވަނީ ދަޢުވާގައި އެދިފައިވާ ފަދައިން ގެއްލުމުގެ ބަދަލު ނަގައިދެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.
މި މައްސަލައަކީ 2012 ވަނަ އަހަރު ރިޒޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދިނުމުގެ ބަދަލުގައި، ސީއެސްއާރު މަޝްރޫޢެއް ހިންގުމަށް ދައުލަތާއި މުޙައްމަދު ޒަކީއާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. ނަމަވެސް، 2014 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ އެ ސީއެސްއާރު މަޝްރޫޢުގެ ބަދަލުގައި އެކުއިޒިޝަން ކޮސްޓް ދައްކައި، ކުރީގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އައު ހުށަހެޅުމެއް ހުށަހަޅާފައެވެ. މި ހުށަހެޅުން މުޙައްމަދު ޒަކީގެ ފަރާތުން ލިޔުމުން ޤަބޫލުކުރި ނަމަވެސް، ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަންޖެހޭ ފައިސާގެ 20 އިންސައްތަ ދައްކާފައެއް ނުވެއެވެ.
ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން މުޙައްމަދު ޒަކީގެ ފަރާތުން ފާހަގަކުރީ، 2012 ގެ ސީއެސްއާރު އެއްބަސްވުން އަދިވެސް ޤާނޫނީ ގޮތުން ދެމިއޮތް ކަމަށެވެ. އަދި ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާ ބެހޭ ޤާނޫނާ ޚިލާފަށް އަދި ކަންހިނގާފައިވާ ގޮތަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ކަމަށް ބަޔާންކުރިއެވެ. މީގެ އިތުރުން ދަޢުވާގައި ހައިސިއްޔަތާ ގުޅޭގޮތުން އުފެදුނު ސުވާލު ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ނިންމަންޖެހޭނެ ކަމަށާއި، ދަޢުވާކުރި ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ހާޒިރުނުކޮށް މައްސަލަ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު ކަމެއް ކަމަށްވެސް ފާހަގަކުރިއެވެ.
މި ނުކުތާތަކަށް ރައްދުދެމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ސީއެސްއާރު އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުން މުޙައްމަދު ޒަކީ ޤަބޫލުކުރި ހިސާބުން، ދެފަރާތުގެ ރުހުމުގައި ކުރީގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އައު އޮފަރ ލެޓަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަކޮށްފައި ނުވާތީ، މިހާރު ޤާނޫނީ ގޮތުން ދެމިއޮތް އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
މި މައްސަލަ ބެއްލެވުމަށްފަހު ހައިކޯޓުން ފާހަގަކުރެއްވީ، ސީއެސްއާރު އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުން އިސްތިއުނާފުކުރި ފަރާތުން ޤަބޫލުކުރުމަށްފަހު، އެ އެއްބަސްވުމާ ދައުލަތުން ޚިލާފުވި ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ލިޔެކިޔުންތަކުން ފައިސާ ދައްކަންޖެހޭ މުއްދަތު ސާފުކޮށް އެނގެން އޮތް ކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.
ހެކިން ހާޒިރުނުކުރި މައްސަލައާ ގުޅޭގޮތުން ހައިކޯޓުން ނިންމެވީ، ދަށު ކޯޓުން ދަޢުވާ ރައްދުވާ ފަރާތާ ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ ހެކިން ހާޒިރުނުކުރަން ނިންމި ސަބަބު ބަޔާންކުރުމުގެ ގޮތުން ފާހަގަކުރި ކަންކަން ކަމަށެވެ. އެހެންކަމުން ލިޔެކިޔުންތަކުން މައްސަލައިގެ އަޞްލު ސާފުވާން އޮތް ހާލަތެއްގައި، ޝަފަހީ ހެކިން ހާޒިރުނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އެއްވެސް ޤާނޫނީ ގޯހެއް ހަދާފައި ނުވާ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
މި ސަބަބުތަކަށްޓަކައި، ހައިކޯޓުން ވަނީ މުޙައްމަދު ޒަކީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބާޠިލުކޮށް، ސިވިލް ކޯޓުގެ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ދަށު ކޯޓުގެ ޙުކުމް ދަމަހައްޓާފައެވެ.

