ކޮންމެ ފުލުހަކީ އަމަލީ މައިދާނުގައި އިލްމީ ވިސްނުން ބޭނުންކުރާ ފަންނީ ގޮތުން ގާބިލު މީހަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވައިލުމަށް އަމާޒުކޮށް އިސްކަންދަރު ކޮށީގައި ފެށި ”އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026“ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
”ފްރޮމް ނޮލެޖް ޓޫ އެކްޝަން: ބިލްޑިންގ ސޭފަރ ކޮމިއުނިޓީސް ޓުގެދަރ“ ގެ ޝިއާރުގެ ދަށުން ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް ބާއްވާ ކޮންފަރެންސެކެވެ.
ސީޕީގެ ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމާއި މަގުމަތީގައި ތިބޭ ތިބުމަށް ބިނާވެފައިވާ ޚިދުމަތެއް ނޫން ކަމަށާއި، ކުށް މަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ފުލުސް އޮފިސަރުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ ”އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރ“ އަކަށް ވާންޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ.
މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މިއަދުގެ ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި ރެސްޕޮންޑްކޮށް ތަހުގީގު ކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުމަށް އިސްކަންދޭންޖެހޭ ކަމަށާއި، މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި ”އެވިޑެންސް ބޭސްޑް ޕޮލިސިންގ“ ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ވިދާޅުވިއެވެ.
ފުލުހުންނަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އެއީ އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުރުމެވެ.
މީގެއިތުރުން، މި މަހާސިންތާގެ ތެރެއިން ހުށަހެޅޭ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމައިނުލާނެ ކަމަށާއި، މި ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.
މަސައްކަތުގައި ދަތިތަކެއް ހުރި ނަމަވެސް އެއީ ލަނޑުދަނޑި ހާސިލުކުރުމަށް އޮތް ހުރަހަކަށް ވިޔަނުދީ، މަސައްކަތުގެ ފޯކަސް ނުގެއްލޭނެހެން ކޮންފަރެންސްގެ ބަހުސްތައް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް ކޮމިޝަނަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

