ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޓެކްސް އުވާލައި، ޖީއެސްޓީ ނަގާ ތްރެޝްހޯލްޑް ބޮޑުކުރަން އިގްތިސޯދީ ކޮމިޓީން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވައިލުމަށާއި، ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ޖީއެސްޓީ ނަގަން ފަށާ އާމްދަނީގެ މިންވަރު (ތްރެޝްހޯލްޑް) 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ރޭ އިއްތިފާގުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބަދަލުތައް ކޮމިޓީން ފާސްކޮށްފައި މިވަނީ ބޭރުގެ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ފެށިތާ މަސްދުވަސް ވެސް ނުވަނީހެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުމާއި ބޮޑެތި ފާޑުކިޔުންތަކާ އެކު ވެސް، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން 17 ޕަސެންޓުގެ ޓެކްސް ނަގަން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އެވެ. ނަމަވެސް، އެ ނިންމުމުގެ ސަބަބުން ދާއިރާއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކުރައްވައި، އެ ޓެކްސް ނެގުން ހުއްޓާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަން ސަރުކާރުން ހާމަކުރީ ޓެކްސް ނަގަން ފެށިތާ އެންމެ ތިން ދުވަހުގެ ތެރޭގަ އެވެ. އެއާއެކު މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިގެން ދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މި ބިލު ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުގައި، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ މުހިންމު އިތުރު އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އިއުލާނުކުރެއްވި ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޖީއެސްޓީ ދައްކަން ލާޒިމުވާ އަހަރީ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ނިޒާރު ހުށަހެޅުއްވިއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ ޖެނުއަރީ 1، 2027 އިން ފެށިގެންނެވެ.

މެންބަރު ނިޒާރު ވިދާޅުވީ މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ފަރާތްތަކަށް ވިޔަފާރި ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ލުއިކޮށްދިނުން ކަމަށެވެ.

ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި 1.5 މިލިއަން ރުފިޔާއަށް ވުރެ ދަށް އާމްދަނީއެއް ލިބޭ ވިޔަފާރިތަކަށް ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރެވޭނެ ހާއްސަ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރަޖިސްޓްރީ ބާތިލުކުރެވޭނީ:

  • އެއްވެސް މަހެއް ނިމޭއިރު، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ވިޔަފާރިއަކުން ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ ޖުމުލަ އަގު 750,000 ރުފިޔާއަށް ވުރެ މަދުވުން.
  • ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ވެސް ވިއްކާނެ ކަމަށް އަންދާޒާކުރެވޭ މުދަލާއި ހިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ ކުޑަވާނެ ކަމަށް ބެލެވުން.

މީގެ އިތުރުން، ޓެކްސް ދެއްކުމުން ރެކުމަށް ނުވަތަ އެއްކިބާވުމަށް ހިންގާ ނުރަނގަޅު މުއާމަލާތްތައް ހުއްޓުވުމަށްޓަކައި ވެސް ހަރުދަނާ ފިޔަވަޅުތަކެއް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، އެއްވެސް ކުންފުންޏަކުން ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ އަމަލެއް ހިންގައިފިނަމަ ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވެއްޖެނަމަ، އެ ކުންފުނިން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގައި އެ މުއާމަލާތެއް ނުހިނގާ ކަމަށް ނުވަތަ އެކަމުގައި ބައިވެރިވެފައި ނުވާ ކަމަށް ބެލުމުގެ ފުރިހަމަ އިހްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މެންބަރު ނިޒާރު ހުށަހެޅުއްވި މި ހުރިހާ އިސްލާހުތަކާ އެކު، މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލު އިގްތިސޯދީ ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމުގައި ފާސްކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: