ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރި ރެގިއުލޭޓުކުރުމުގެ ބިލު މަޖިލީހަށް: އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭގޮތް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހިންގާ ރިއަލްއެސްޓޭޓް ވިޔަފާރިތައް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރެގިއުލޭޓުކޮށް ބެލެހެއްޓުމަށްޓަކައި ހާއްސަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލުގައިވާ ގޮތުން، ރާއްޖޭގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނުތަކުން އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ޕްރޮޕަޓީއެއް ނުގަނެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވައިދެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާނެވެ.

މި ބިލަކީ ރާއްޖޭގައި ރިއަލްއެސްޓޭޓް ދާއިރާ ތަރައްގީކޮށް، އެ ދާއިރާގައި ހިމެނޭ އެންމެހައި މުއާމަލާތްތަކާއި އިޖުރާއާތުތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށްޓަކައި އެކުލަވައިލާފައިވާ ބިލެކެވެ.

ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުން

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރިއަލްއެސްޓޭޓް ވިޔަފާރިއާ ގުޅޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ ސިޔާސަތުތަކާ އެއްގޮތަށް ދާއިރާގެ އެންމެހައި ކަންކަން ރާވައި، ހިންގައި، ބެލެހެއްޓުމަށްޓަކައި ”ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ“ގެ ނަމުގައި ވަކި ހާއްސަ އިދާރާއެއް އުފައްދަންޖެހެއެވެ.

މި އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕްރޮޕަޓީ ޑިވެލޮޕްކުރާ ފަރާތްތަކާއި، ބްރޯކަރުން އަދި ރިއަލްއެސްޓޭޓް އެޖެންޓުންނަށް ލައިސެންސް ދޫކުރުން.
  • ރިއަލްއެސްޓޭޓް މަޝްރޫއުތައް ރަޖިސްޓްރީކޮށް، އެ މަޝްރޫއުތަކަށް ބޭނުންވާ ހުއްދަތައް ދޫކުރުން.
  • މަޝްރޫއުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަދި ކަނޑައަޅާފައިވާ ފެންވަރަށް ކުރިއަށްދާކަން މޮނިޓަކޮށް ކަށަވަރުކުރުން.
  • ރިއަލްއެސްޓޭޓް ދާއިރާގައި އެކި ފަރާތްތަކުގެ ބައިވެރިވުން އޮންނަ މިންވަރު ދިރާސާކުރުން.
  • މުދަލުގެ ރަޖިސްޓްރީ ދޫކުރުމާއި، ގައުމީ ފެންވަރުގައި މުދަލުގެ ދަފުތަރެއް އެކުލަވައިލައި ބެލެހެއްޓުން.
  • ރަޖިސްޓްރީގައި ހިމެނޭ ބިންތަކާއި ޕްރޮޕަޓީތަކުގެ މައުލޫމާތު އަދާހަމަކުރުމާއި، ރަޖިސްޓްރީ ދޫކުރުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަށަވަރުކުރުން.

ފައިސާގެ މުއާމަލާތްތައް ހިންގުމާއި އެސްކްރޯ އެކައުންޓް

ޕްރޮޕަޓީތައް ޑިވެލޮޕްކުރުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ މާލީ އަދި އިދާރީ އުސޫލުތައްވެސް މި ބިލުގައި ވަރަށް ތަފުސީލުކޮށް ވަނީ ހިމަނައިފައެވެ. އެގޮތުން، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޕްރޮޕަޓީ ވިއްކައިގެން ލިބޭ އެންމެހައި ފައިސާ ޖަމާކުރަންޖެހޭނީ ރާއްޖޭގެ ބޭންކެއްގައި ގާއިމުކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން، ޕްރޮޕަޓީ ޑިވެލޮޕްކުރާ މަރުހަލާގައި ހިންގާ ހުރިހާ ހަރަދުތަކާއި މުއާމަލާތްތަކަށް ހާއްސަކޮށްގެން ރާއްޖޭގެ ބޭންކެއްގައި ޕްރޮޖެކްޓަށް ހާއްސަ ވަކި އެކައުންޓެއް ހުޅުވައިގެން މާލީ ކަންކަން ކުރިއަށްގެންދިއުމަށްވެސް ބިލުން ލާޒިމުކުރެއެވެ.

އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނުތަކުގެ ޝަރުތުތައް

މި ބިލުގެ ދަށުން ބޮޑެތި އިންވެސްޓްމަންޓްތަކަށް ހާއްސަކޮށްގެން އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނުތައް ކަނޑައަޅައި ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. މިފަދަ ޒޯނެއް ހެދުމަށް ހުއްދަ ދެވޭނީ ވަކި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާ ނަމައެވެ:

  • އިންވެސްޓްމަންޓްގެ މިންވަރު: މަދުވެގެން އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރުން.
  • ބިމުގެ ބޮޑުމިން: އެފަދަ ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި މަދުވެގެން 200 ހެކްޓަރުގެ ބިން ހިމެނުން.
  • ކުއްޔަށް ދޫކުރެވޭ މުއްދަތު: ރިއަލްއެސްޓޭޓް ޒޯނެއް ތަރައްގީކުރުމަށް އެންމެ ދިގު މުއްދަތަކަށްވެސް ދޫކުރެވޭނީ 99 އަހަރަށް.
  • ދައުލަތަށް ލިބޭ އާމްދަނީ: ބިމުގެ އަގުގެ ގޮތުގައި، އެތަނުން ކުއްޔަށް ދޭ ތަންތަނާއި ވިއްކާ ޕްރޮޕަޓީތަކުން ލިބޭ ޖުމްލަ އާމްދަނީގެ މަދުވެގެން ދިހަ އިންސައްތަ (10%) ދައުލަތަށް ދައްކަންޖެހުން.

އިސްލާމީ އުސޫލުތައް ހިފެހެއްޓުން

މި ބިލުގައި ސާފު އިބާރާތުން ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ތަރައްގީކުރާ އެއްވެސް ރިއަލްއެސްޓޭޓް ޒޯނެއްގައި އިސްލާމްދީނުގެ އަސްލުތަކާ އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ހަރަކާތެއް ހިންގުމުގެ އެއްވެސް ހުއްދައެއް ނޯންނާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމާއި އިސްލާމީ ސަގާފަތް ރައްކާތެރިކުރުމަށް ބިލުގައި ހިމަނާފައިވާ މުހިންމު އަސާސެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: