ރަސްމާލޭގައި އީގަލް ހިލްސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުއާއި މެދު ބޮޑެތި ބަހުސްތައް އުފެދިފައިވީ ނަމަވެސް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ އެއްވެސް ވިސްނުންފުޅެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގެ ބިޔަ މަޝްރޫއު ހަވާލުކޮށްފައިވާ ދުބާއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ މެދު އާންމުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ސަރުކާރުން ހާމަނުކުރާތީ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، މި މަޝްރޫއުގެ ސަބަބުން ޒަޔަނިސްޓުން ފަދަ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ދަނީ ބުނަމުންނެވެ.
މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެ، އިހުތިޖާޖުތައް ވެސް ފެށިފައިވާއިރު، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ. އަދި މި އެއްބަސްވުމާ ދެކޮޅަށް ސީދާ ހަރަކާތަށް މަގުމައްޗަށް ނުކުތުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ރިފެރެންޑަމް ވޯޓަކަށް ދިއުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ މަޝްރޫއުގެ ހުރިހާކަމެއް ވެސް ކުރިޔަށް ދާނީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތުގެ މަތީން ކަމަށެވެ.
ރައީސް ވިދާޅުވީ، އެފަދަ ވޯޓަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެ މަޝްރޫއާއި ގުޅޭ ބިލު އެކުލަވާލާފައި ވަނީ ދިވެހި ރައްޔިތުންގެ ހައްގުތަކަށާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް ރައްކާތެރިކަން ލިބޭ ގޮތަށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެ މަޝްރޫއަށް ފުރިހަމައަށް ރިއާޔަތްކޮށްފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ގާނޫނީ އިމުގެ ތެރެއިން މި ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށެވެ.
މި މަޝްރޫއުއާއި ގުޅޭ ރިފެރެންޑަމް ވޯޓެއް ނެގުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ވިދާޅުވި އިރު، މަޖިލީހަށް ވަނީ ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލު ހުށަހަޅާފަ އެވެ.
އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓު ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދެއް މާސްޓާ ޑިވެލޮޕަރަކަށް ގިނަވެގެން 99 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް، ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ މިއަދު އެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދެއްކަމަށް ބުނެފައި ވަނީ ރާއްޖޭގެ ރިއަލް އެސްޓޭޓު ދާއިރާ ދެމެހެއްޓެނިވި އަދި ހާމަކަން ބޮޑު ގޮތެއްގައި ކުރިއެރުވުމާއި، ޑިވެލޮޕަރުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ އިތުރުން އެ ފަރާތްތައް މޮނިޓާކޮށް، ތަންތަން ގަންނަ ފަރާތްތަކުގެ ހައްގުތަކާއި މަސްލަހަތު ރައްކާތެރިކުރުމުގެ އުސޫލުތައް ގާއިމުކުރުމެވެ.

